ފުލުހަކަށް ހަމަލާދީ ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ހިސާބުގައި، ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ރޭގެ ވަގުތެއްގައި ބާރު ސްޕީޑުގައި ހަތަރު މީހަކު ދެ ސައިކަލު ދުއްވަމުން ދަނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ. ފުލުހުން އެކަން ހުއްޓުވުމުން އެ ފުލުސް މީހާއަށް ހަމަލާދީ މަރުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރީ މުހައްމަދު ވިއާމް، 27، ސ. ފޭދޫ/ ވީނަސްވިލާއާއި ހަސަން އަލީމް، 22، މާލެ/ ދަފްތަރު 2841، އަދި ޝާން އަބްދުﷲ، 20، ކަމަށް ފުލުހުން ބުނެ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް ހަތް ދުވަސް ދީފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އެންމެންގެ ވެސް ކުށުގެ ރެކޯޑް އޮންނަ ކަމަށް ފުލުހުން ހާމަކުރެއެވެ.

މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުގެ ސަބަބުން މީގެ ކުރިންވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަށް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު