ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި އާސަންދަ އިން ބޭސްފަރުވާއަށް 16 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް މިރޭ ވިދާޅުވެއްޖެއެެވެ.

އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެކުންފުނިން ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް 16 ބިލިއަން ރުފިޔާ އާބާދީގެ ބޮޑު ބަޔަކަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

އެގޮތުން އަހަރެެއްގެ މައްޗަށް އާސަންދަ ސްކީމްގެ ތެރެއިން ގާތްގަނޑަކަށް ތިން ލައްކަ މީހުން ޚިދުމަތް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޢެމްޑީ މަރިޔަމް ޝަފީގް އިތުރަށް ވިދާޅުވީ އާސަންދަ ސްކީމްގެ ތެރެއިން އިސްރާފު ކުޑަކުރުމަށް ޚާއްސަ ސަމާލު ކަމެއްދޭ ކަމަށާއި، އެގޮތުން އިސްރާފު ކުޑަކޮށް ސްކީމް ހަރުދަނާ ކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.



"މިހާރު އެންމެ ބޮޑު ސަމާލު ކަމެއް ދީގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ސްކީމްގެ ފައިދާ ނާޖާއިޒު ގޮތެއްގައި ފައިދާ ހޯދިދާނެ ކަންތައްތަކެއް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން." އެމްޑީ މަރިޔަމް ވިދާޅުވިއެވެ.

މީގެ އިތުރުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް ވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކަށް ވެސް އަލިއަޅުއްވާލާފައެެވެ.

"ދިގުމުއްދަތަކަށް ކަކުޅުހުޅު އޮޕަރޭޝަން ނުކުރެވިތިބި ވަރަށް ގިނަ ބަލި މީހުންނަށް އެކަން ކުރެވޭނެ މަގު އަޅުގަނޑުމެން މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ފަހިކޮށްދިިނިން، އާސަންދައަށް ހުށައެޅޭ ކޭސްތައް އެދުވަހުން އެދުވަހަށް ނިއްމޭނެ ގޮތަށް ވެސް ހަމަޖެއްސިން އަދި އިމަޖެންސީ ކޭސް އެއް ނަމަ 10 ވަރަކަށް މިނެޓް ތެރޭގައި މިހާރު ނިމިގެންދާނެ." އެމްޑީ މަރިޔަމް ޝަފީގް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު