އިންޑިއާމެދު އުފެދިފައިވާ ނަފުރަތު އުފެދެން މެދުވެރިވި ސަބަބު ދެނެގަނެ އެއަށް ފަރުވާ ނުދޭނަމަ ދުވަހަކުވެސް މައްސަލަ ހައްލެއް ނުވާނެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެެ.

ރާއްޖޭގައި ތިިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅިގެން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ދިވެހިންތަކެއްވަށާ ކަށިނަރުން ކޮށި ހަދާ އަލިފާން ޖެހުމަކުން މައްސަލަ ހައްލެއް ނުވާނެ ކަމަށެވެ. ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގައި ވަކި ގައުމަކަށް ނިސްބަތްކޮށް "އައުޓު" ގޮވާފާނެ ކަމަށް ދުވަހަކުވެސް ދެކިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ މާހައުލެއް އުފެދޭން އެއްވެސް ސަރުކާރަކުން ދޫކޮށްފާނެ ކަމަށްވެސް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ދިވެހިންނަކީ އެކުވެރި ބައެެއްކަމަށާއި، އެއްވެސް ގައުމަކާއިމެދު ތަފާތު ކުރުމެއް ނޯންނަކަމަށް ހުސެއިން ވިދާޅުވިއެވެ. ހުސައިން ވިދާޅުވީ ރާއްޖެއަށް އައިސްފައި އޮތް މި ހާލަތަކީ ބަޔަކު މީހުން އުފަންކުރުވި ހާލަތެއް ކަމަށެވެ. ދުނިޔޭގެ ތާރީހުގައި ހިނގާފައިވާ ބައެއް ހާދިސާތަކުން ދިވެހިން ފިލާވަޅު ދަސްކޮށްފައި ވާކަން ފެނިއްޖެ ކަމަށާއި، ބޭރުގެ އަސްކަރިއްޔާތަކުގެ ގުރޫޕްތައް ރާއްޖޭގައި ތިބޭކަށް ދިވެހިން ބޭނުން ނުވާ ކަމަށެވެ. އަދި އެފަދަ ވަހުމްތައް ފިލުވަން ގިނަގުނަ މަސައްކަތްތަކެއް ދިވެހިންގެ އެކި ގްރޫޕްތަކުން ކުރަމުން ދިޔަ މަންޒަރު ފެނުނު ކަމަށް ހުސެއިން ވިދާޅުވިއެވެ.





"ދައުލަތުގެ ވެރިންނާއި ސަރުކާރުން އަދި ސަރުކާރުގެ ބައިވެރިންވެސް އެކަމަށް ދިނީ ބީރުކަންފަތެއް، ކުރީ މަލާމާތް. ބުނަމުންދިޔައީ ތިޔަހެނެއް ނުކިޔޭނެޔޭ. ކަންފަތްމަތީ ޖަހާށޭ. ނޫނީ ފުލުހުންލައްވާ ހައްޔަރު ކުރުވާނަމޭ. ހައްޔަރުކުރާ ހިސާބަށް ދިޔައީ ކީއްވެތޯ، އަޅުގަނޑު އަހާލާ ހިތްވޭ. "އިންޑިއާ އައުޓު" ގޮވަންޖެހުނީ ކީއްވެ؟ އެ ފުރުސަތު ދިނީ ކޮންބައެއް؟" ރައީސް ޔާމިންގެ ވެރިކަމުގައި ކޮމިޝަނަރ ކަމުން ވަކިކުރުމުން ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަގާމެއްވެސް ފުރުއްވި ހުސެއިން ވިދާޅުވިއެވެ.



މީގެ އިތުރުން ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވީ ސިއްރު ލިޔުންތަކެއްގައިވާ ވާހަކަތަކެއް އޮޅުން ފިލުވަން ދިވެހިންގެ ބަޔަކު އެދުނު ކަމަށާއި، އެއީ ދިވެހިންގެ ހައްގެއް ކަމަށެވެ. އަދި ލިޔުންތައް ހާމަ ކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމަށް ބުނާނީ އެސިއްރު ލިޔުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ވާހަކަތަކެއް ހުރުމުން ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމަށް ހުސެއިން ވިދާޅުވިއެވެ. އިންޑިއާގެ އަސްކަރިއްޔާ ނުވަތަ އެހެން އެއްވެސް ބޭރު ގައުމެއްގެ އަސްކަރިއްޔާއެއް ވެސް ރާއްޖޭގައި ގާއިމުވެ ތިބުމާއި ރައްޔިތުން ދެކޮޅުކަން ވަރަށް ރަގަޅަށް ރައްޔިތުން ހާމަކޮށްދީފައިވާ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

"އެކަމަށް ދައުލަތުގެ ވެރީންނާއި ސަރުކާރުގެ ވެރިން އަޅާނުލީމާ ދެން ރައްޔިތުން ގޮވާނީ އިންޑިއާ އައުޓު، އެއީ އިންޑިއާ މީހުންދެކެ ރައްޔިތުން ނުރުހޭތީ ބުނާ ބުނުމެއް ނޫން، އިންޑިއާގެ ހިތްހެޔޮ އެހީތައް ގަބޫލު ނުކުރާތީއާއި އިންޑިއާގެ ފުށުން އުފެދުނު އެތައް ދިވެހިންނަކަށް ލިބުނު ކުރިއެރުންތައް ބަލައި ނުގަންނާތީ ބުނާބުނުމެއް ނޫން. އެއީ ދިވެހި ފަސްގަނޑުގެ ހައްގުގައި ދިވެހިން ބުނަންޖެހޭ ބުނުމެއް." ހުސެއިން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މީގެ ކުރިން ވިދާޅުވީ އިދިކޮޅުން ހިންގާ ކެމްޕޭނާއި ގުޅިގެން ސަރުކާރުން އެެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށެވެ. ރައީސް ޔާމިން އިސްވެ ހުންނަވާ ހިންގާ އިންޑިޔާ އައުޓަކީ ގައުމަށް ޣައްދާރުވުމުގެ އަމަލެއް ކަމަށް ސިފަކޮށް އެ ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު