ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން ބެނެލަކުސް ގައުމަތަކުގައި ނެރުނު ޚާއްސަ 3 ސްޓޭމްޕް ސެޓްގެ ސްވެނިއަރ ޕްލާކު ޓޫރިޒަމް މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.



ފަތުރުރުވެރިކަމުގެ ރަންއަހަރުގެ ލޯގޯޖެހި ބެލްޖިއަމްގެ ސްޓޭމްޕްސެޓާއި ނެދަރލޭނޑުގެ ސްޓޭމްޕްސެޓާއި، އަދި ލަކުސަމްބަރގްގެ ސްޓޭމްޕްސެޓުގެ ސްވެނިއަރ 3 ޕްލާކު، މިނިސްޓްރީއާއި ހަވާލުކުރީ ބެނެލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް، އަދި ބެލްޖިއަމްގެ ފްލެންޑަރސް ގެ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ހިޒްއެކްސެލެންސީ ޖެރާޑު ހުއިޓިންގް އެވެ.

ބެނެލަކުސް ގައުމަތަކުގެ އެތެރެވަރިޔާއި އިންޓަރނޭޝަނަލް ޕޯސްޓުގެ ޚިދުމަތައް މިހާރުބޭނުން ކުރެވެމެންދާ މި ޚާއްސަ ސްޓޭމްޕް ސެޓްތަކަކީ މޯލްޑިވްސް ބެނެލަކުސް ފްރެންޑުޝިޕް ސޮސައިޓީގެ ފަރާތުން، އެގައުމުތަކުގެ ޕޯސްޓް އޮފީހާއި، ބްރެސެލްސްގަ ހުންނަ ދިވެހިރާއްޖޭގެ ޔޫރަޕިއަން ޔުނިއަންގެއެމްބަސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން ނެރެނު ސްޓޭމްޕްސެޓް ތަކެކެވެ.

މި ސްޓޭމްޕް ސެޓްތަކުގެ ތެރެއިން މިއަހަރު ޖުލައި 5 ގައި ނެރުނު ބެލްޖިއަމް ސްޓޭމްޕް ސެޓް ނެރެދެއްވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ހިޒްއެކްސެލަންސީ ހަސަން ސޯބިރު، އެ ސްޓޭމްޕް ޖައްސަވާފައި، ޕޯސްޓްކުރެއްވި ޚާއްސަ ސިޓީއެއް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދު الله މަޢުޞޫމަށް 15 ޖުލައިގައި ލިބިވަޑައިގެންނެވުމުން އެސިޓީ ލިބިވަޑައިގެންނެވި ޚަބަރު މީޑިޔާއާ ހިއްސާކުރައްވާފައިވެއެވެ.

ފަތުރުވެރިކަމުގެ ރަންއަހަރާއި ގުޅުވައިގެން މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ ފަރާތުންވެސް މުނާސަބަތާގުޅޭ ޚާއްސަ ސްޓޭމްޕް ސެޓަކާއި ސްވެނިއަރ ސެޓެއް 2022 ވަނައަހަރުގެ ފެބުރުއަރީމަހު ނެރުމަށްވަނީ ހަމަޖެހިފައެވެ. އެ ސްޓޭމްޕް ސެޓް ނެރެދެއްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕައިނިއަރުންގެ ތެރޭގައި ހިމެނޭ އިޓަލީ ވިލާތުގެ ޖޯޖު ކޯބިންއަށް ވަނީ ޓޫރިޒަމް މިނިސްޓްރީން ދައުވަތު އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު