އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން އުސޫލާއި ހިލާފަށް އަމަލުކުރާކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދާ މައްސަލާގައި އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވެއްޖެއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކުރުމަށްފަހު އެކަމާއި ގުޅޭ ރަސްމީ މަސައްކަތްތައް ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މަޖިލީހުގެ ރައީސް ވަނީ ފޮނުއްވާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ދީފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އޭސީސީގެ މެމްބަރުން ޖަވާބުދާރީވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުޑައިރުކޮޅެއް ކުރިން މެމްބަރުން ޖަވާބު ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ މެންބަރުން މަގާމުން ވަކިކުރާނީ މި ޖަވާބުތަކާއި މެދު ކޮމިޓީގައި ދިރާސާކުރުމަށްފަހުއެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

5 މެމްބަރުން ތިއްބަވާ އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ. މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފެށުމާއެކު ކޮމިޝަން ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު