ރާއްޖޭގެ ބައެެއް ފުޓްބޯޅަ ކްލަބްތަކަކީ ގޭންގުތަކެއްގެ ގޮތުގައި ނޫސްވެރިން ސިފަކުރާކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވެފައި މިވަނީ ބައެއް ކްލަބްތަކުން ރާއްޖޭގެ މީޑިއާއެއް ބޮއިކަޓްކުރުމަށް ނިންމުމާއި ގުޅިގެން ބޮޑު މައްސަލައެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ކްލަބްތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި ބަދަކަމަށެވެ. އަދި ކްލަބްތަކުން ކުރަމުންދާ އިޚްލާޞްތެރި ބުރަ މަސައްކަތަށް ތަޢުރީފު ކުރައްވާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާއަށް ކިޔާ ބިނާކުރަނިވި ފާޑު ކިޔުންތައް މަރުހަބާ ކިޔައި، އެކަން ބަލައިގަންނާނެކަމަށެވެ. ނަމަވެސް ކްލަބްތަކަކީ ގޭންގުތަކެއްގެ ގޮތުގައި ލޭބަލްކޮށް، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދޭ އިންޓަވިއުތައް އޮޅުވާލައިގެން ފެތުރުމަކީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބައްސާމް ވިދާޅުވިއެވެ.



ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާ އާއި ކްލަބްތަކުން އަބަދުވެސް މީޑިއާ އަށާއި ނޫސްވެރިންނަށް އިހުތިރާމް ކުރާނެކަމަށެވެ. އަދި އެކަން އަނބުރާ މީޑިއާތަކުން ލިބެންޖެހޭކަމަށާއި ކުޅިވަރު ނޫސްވެރިނަކީވެސް ފުޓްބޯޅަ އާއިލާގެ ބައެއްކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ފުޓްބޯޅައިގެ ކުރިއެރުމަށްޓަކައި ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރަން އުއްމީދުކުރައްވާކަމަށް ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ކްލަބްތަކުން ނޫސްވެރިންގެ ބައްދަލުވުން ބޮއިކަޓްކުރުމަށްފަހު ބުނީ އެ ނޫސް ބޮއިކޮޓްކުރީ ކުޅިވަރުގެރޫހާ ހިލާފަށް މައުލޫމާތު ފަތުރާތީއާއި ފުޓްބޯޅަ ކްލަބްތަކާ އެފްއޭއެމާ ޒާތީކޮށް މަސައްކަތްކުރާކަމަށެވެ.



މީޑިއާއެއް ބޮއިކަޓް ކުރުމާއި ގުޅިގެން އެފްއޭއެމުން ބުނީ މަދު ކްލަބެއް ނޫނީ ހުރިހާ ކްލަބްތަކުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވާން ކޯޗުންނަށް އަންގާފައިވާ ކަމަށެވެ. އަދި ކްލަބްތަކުގެ އެ ނިންމުމާ ގުޅޭ ގޮތުން ކްލަބްތަކާ އެކު އެފްއޭއެމުން މަޝްވަރާކުރާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު