މީގެ 17 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހިން ދެެއްކި އެއްބައިވަންތަ ކަމަށް ނަމޫނާ އަކަށް ބެލުމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން އެގޮތަށް ގޮވާލެއްވީ ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރައްވަމުންނެވެ. ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު އެދުވަހަކީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ސަރުކާރުން އަންނަނީ ފާހަަގަކުރަމުންނެެވެ.

ސުނާމީ ކާރިސާ ކުރިމަތިވިއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ވަނީ ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައި ގައުމީ ކަންކަމުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.



ރައީސް މައުމޫންގެ އެ ޓްވީޓް ރައީސް މުހަންމަދު ނަޝީދު ވަނީ ރީޓްވީޓް ކުރައްވާފަ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ސުނާމީ ކާރިސާގެ ހަނދާންތައް އާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް ބައިބައިވުމާއި ނަފްރަތު އުފެދޭ ކަންކަމާއި ދުރުވާން ޖެހޭ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ދެމިތިބުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެެެވެ.

ދެ ރައީސުން އެކުގައި އެއްބައިވަންތަ ކަމަށް ގޮވާލައްވާފައިވާއިރު ކުރިން ދެ ވާދަވެރިންގެ ގޮތުގައި ތިއްބެވި އެ ދެބޭފުޅުންނަކީ މިއަދު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ އިސްވެރިންކަން ފާހަގަކޮށްލެވެއެެވެ.

ސުނާމީ ކާރިސާއަށް މިއަދު 17 އަހަރު ފުރިފައިވާއިރު އެޙާދިސާގައި ރާއްޖެއިން އެކަނިވެސް 82 މީހުން ވަނީ ނިޔާވެފައެވެ. އަދި 26 މީހަކުވަނީ އެޙާދިސާގައި ގެއްލިފައެވެ.

ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓަރު މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތައް 14 ގައުމަށް އަރާ 230،000 މީހުންގެ ފުރާނަ ގެއްލިގެންދިޔަ އެވެ.



ކިޔުންތެރިންގެ ހިޔާލު