އެއްބައިވަންތަ ކަމުގެ ރަސްމީ ޖަލްސާއަށް މިހާރު ތައްޔާރު ކުރަމުންދާ ޖުމުހޫރީ މައިދާނުގައި ޓެންޓް ޖެހީ އެއްބަސްވުމާއި ޚިލާފަށް ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ މުހިންމު ސަރަޙައްދެއް ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ތަނުގެ އާބާތުރަފިލުވުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ކަމަށެވެ. އެ މަސައްކަތް މާލޭ ސިޓީގެ މި ދައުރުގެ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރަމުން އަންނަކަން ސިޓީކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ތަނުގައި ގަސް އިންދުމަށްފަހު، ވިނަގަނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ތިން ހަފްތާ ވަންދެން ބޭނުން ނުކުރުމަށް ހޯމް މިނިސްޓްރީއަށް އަންގައިފައިވާނެ ކަމަށެވެ. އެހެންނަމަވެސް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ޓެންޓު ފަދަ ތަކެތި ބެހެއްޓުމަށް، ވިނަގަނޑުގެ ބޭނުންކުރުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލްގެ ހުއްދައަށް އެދި ސިޓީއެއް ފޮނުވުމުން ވިނަގަނޑު ހަލާކުވާނެ ފަދަ އެއްވެސް ކަމެއް ކުރުމުގެ ޖާގަ ނުދޭނެ ކަމަށް އެންގި ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ބޭއްވުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖަހާފައިވާ ސަރަޙައްދު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ސިޓީ ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.



ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ މިކަމުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން ޖުމްހޫރީ މައިދާން ދޫކުރަން ނިންމީ، ދެ ފަރާތުން އެއްބަސްވެ، ޓެންޓް ބެހެއްޓުން ފަދަ ކަންތައްތައް ނުކުރެވޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ކައުންސިލްގެ އެންގުމަށް އިހުތިރާމު ކުރުމެއް ނެތި ހޯމް މިނިސްޓްރީން ވިނަގަނޑު ހަލާކުވާ ފަދަ ކަންކަން ކޮށްފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވެސް ވަނީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު