މަސައްކަތުގެ މާހައުލުގައި ނުރައްކާތެރިކަން އެންމެ ބޮޑު އެއް ދާއިރާއަކީ ވިޔަފާރި ބަނދަރުތައްކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ކުރިއަށްގެންދާ "ޕޯޓް ސޭފްޓީ ވީކް 2021" ފެށުމުގެ ރަސްމިއްޔާތުގައި ޝާހިދު އަލީ ވިދާޅުވީ ޕޯޓް ސޭފްޓީ ވީކް ކެމްޕެއިންގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕޯޓު ތެރޭގައި ސަލާމަތާއި ރައްކާތެރިކަމުގެ ހޭލުންތެރިކަން އިތުރުކުރުންކަމެވެ.

ޝާހިދު ވިދާޅުވީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންނަމަ ސިނާޢަތްތަކުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާ ނުވަތަ މަސައްކަތުގެ މާހައުލުގައި ނުރައްކާތެރިކަން އެންމެ ބޮޑު އެއް ސިނާޢަތަކީ ޕޯޓުތައްކަމަށެވެ. އަދި ރާއްޖޭގައިވެސް މަސައްކަތް ކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދީ އާދައިގެ ގޮތަކަށް މަސައްކަތްކުރުމުގެ ސަބަބުން އެކި ފަރާތްތަކަކަށް މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.



ޝާހިދު ވިދާޅުވީ މިފަދަ ސިނާޢަތްތަކުގައި ސޭފްޓީ މިންގަނޑުތައް ހަރުދަނާކޮށް ސޭފްޓީ ކަލްޗަރ އަށަގަންނުވައި އަދި އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައިވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްކޮށް މަސައްކަތްކުރުން މުހިއްމުކަމަށެވެ.

"ސޭފްޓީ ވީކްގެ ނަމުގައި ސޭފްޓީ ވީކެއް ފާހަގަކޮށް އަދި ސޭފްޓީ ސެކިއުރިޓީއަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް މި މަސައްކަތްކުރަނީ މިދެންނެވި ކަންކަމުގެ މުހިންމު ކަމަށް ބަލައި އަޅުގަނޑުމެންގެ ތެރޭގައި ސަގާފަތެއްގެ ގޮތުގައި އަށަގަނެވޭތޯ ބެލުމަށް." ޝާހިދު އަލީ ވިދާޅުވިއެވެ.

''ރައްކާވެ ތިބިއްޔާ ދަތުރު" މިޝިއާރުގެ ދަށުން އެމްޕީއެލުން ކުރިއަށްގެންދާ ސޭފްޓީ ކެމްޕެއިނަކީ ހޭލުންތެރިކުރުވުމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބާއްވަމުން އަންނަ ކެމްޕެއިނެކެވެ.

މިކެމްޕެއިންގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކެއްގައި ހެލްތު އެންޑް ސޭފްޓީ އެވެއަރނަސް އިތުރުވެގެން ދިއުންކަމުގައި އެމްޕީއެލުން ބުނެއެވެ.

މި ސޭފްޓީ ކެމްޕެއިން ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު