ކުރީގެ ސަރުކާރުގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ ކުލި ނެގުން ފަސްކުރުމަށް ދީފައިވާ މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ހިޔާ ފްލެޓްގެ ކުލި ނެގުން އިތުރު 3 މަސް ދުވަހަށް ފާސްކުރެއްވިކަން އިއުލާންކުރެއްވީ ދިވެހިންގެ އެއްބަވައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. އަދި ހިޔާ ފްލެޓްގެ ކުލި ނެގުން އިތުރު 3 މަސް ދުވަހަށް އިތުރުކޮށްދެއްވުމަށް ސަރުކާރުން ނިންމެވީ އެސިޔާސަތުގެ ދަށުން ހިޔާގެ ރަށްވެހިންގެ އަޑު އަހައި، ހިޔާ ފްލެޓަށް ބަދަލުވާ މީހުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިކަމަށް އިތުރު ލުޔެއް ދިނުމަށް ސަރުކާރުން މިހާރު ނިންމާފައި ވަނީ، ފްލެޓްތައް ނިންމުމަށްޓަކާ، ކުލި ނުނަގާ އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން. އުއްމީދުކުރަނީ މި ފެށޭ އަހަރުގެ މަރޗް މަސް ނިމޭއިރު، ފްލެޓްތައްވެސް ނިމިގެން އެތަނުގައި ދިރިއުޅެން ފެށޭވަރުވާނެކަމަށް." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެތަނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އޮގަސްޓްމަހުން ފެށިގެންނެވެ. މިހާތަނަށް 5000އަށްވުރެ ގިނަ އާއިލާވަނީ ހިޔާ ފްލެޓަށް ބަދަލުވެފައެވެ. އަދި އެތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8500 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު