ރަމަޟާން މަހަށް ފަހުވެސް ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާގައި ވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހުގައި އަޅުކަމުގައި ވަރަށް ހީވާގި ބައެއްކަމަށާއި، ނަމަވެސް ޢީދު ނަމާދާއި އެކު އަޅުކަމުން އަލްވަދާޢުކިޔާކަމަށެވެ. "އެހެން ކަމުން ބައެއް މީހުންނަކީ ރަމަޟާން މަހަށް އަޅުކަން ކުރި ބަޔެކޭ ހީވާ" ކަމަށް ޚުތުބާގައި ވެއެވެ.

އެގޮތުން ބައެއް މީހުން ރަމަޟާން މަސް ނިމިދިއުމާއެކު ނަމާދާއި، ﷲ ގެ މަގުގައި ހޭދަކުރުމާއި، ޛިކުރު ކުރުން ފަދަ އަޅުކަންތައް ހުއްޓާލާކަމަށާއި، ނަމަވެސް ރަމަޟާން މަސް ނިމުމުންވެސް ހެޔޮކަމުގައި ދެމިތިބުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ރަޙްމަތާއި ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު އަޅުގަނޑުމެންނާއި ވަކިވުމުގެ ވަގުތު ދާދި ގާތްވެއްޖެކަމަށާއި ހެޔޮގޮތުގައި މި މައްސަރު ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުރިކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވެއެވެ. އަދި ހެޔޮގޮތުގައި މި މައްސަރު ހޭދަ ނުކުރެވޭ މީހަކަށް ހުރި ހިތާމައެއްގެ ބޮޑު ކަންވެސް ޚުތުބާއިން ވަނީ ހަނދާންކޮށްދީފައެވެ.

ވުޟޫ ކުރާ އިރު އަރުތެރެއަށް ފެންފޮދެއް ހިނގައިދާނެތީ ޖެހިލުންވެ ފަރުވާތެރިވާވަރަށްވުރެ ބޮޑަށް ބޮޑެތި ފާފަތަކާއި ފާޙިޝް ޢަމަލުތަކާއި ދުރުހެލިވުމަށް ފަރުވާތެރިވުމަށާއި، ރޯދައިގެ ޘަވާބު ފުރިހަމައަށް ހޯދުމަށްޓަކައި، ނަމާދު އެޅުމާއި، މުޢާމަލާތުގައި އޮޅުވާލުމާއި، ދޮގުހެދުމާއި ހުތުރުބަހުން ވާހަކަ ދައްކައި ޒުވާބު ކުރުމާއި، އަނިޔާވެރިވުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ހީލަތްހެދުން ފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދު ޚިތުބާފައި ބަސޭހަތްތެރިވެފައި ވެއެވެ.

"ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ." ރަސޫލުﷲގެ ފާނުގެ ޙަދީޘް ފުޅެއްގައި ވާރިދު ވެފައިވާ ކަމަށްވެސް ޚުތުބާގައި ވެއެވެ.

އެހެން ކަމުން ރަމަޟާން މަހަށް ފަހުގައިވެސް ކިޔަމަންތެރިކަމުގައި ދެމިތިބުމުގެ ތަޢުފީޤު ލިބުމަކީ ﷲ ތަޢާލާ އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވި ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ވާކަމެއްކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ރަމަޟާންމަހު ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން ރޯދަ ހިފައި ރޭއަޅުކަން ކޮށް ހެޔޮ ޢަމަލުތައް ކޮށް އުޅޭ މީހާވެސް އެކަނތައްތަކާއި މެދު ބޮޑާވެ ނުގަތުމަށައި، އޭގެ ބަދަލުގައި މި ޢަމަލުތައް ﷲ ޤަބޫލު ކުރައްވާތޯ ދުޢާ ދެންނެވުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ މިއަދު އަޅުގަނޑުމެންނަށް މި ވަނީ ވަރުގަދަ އިމްތިހާނަކާއި ކުރިމަތި ވެފައިކަމަށެވެ. އެހެން ކަމުން މި ކަމުން ސަލާމަތް ކޮށްދެއްވުން އެދި މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. އެގޮތުން ކެއްތެރިވުމާއި ފަރްޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދާގައި ގިނަގިނައި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމާއިއެކު ސަބަބުތަކުގައި ހިފުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލް މަހުގެ ހަ ރޯދަ ހިފުމަށްވެސް ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން