ޓޫރިސްޓުން ފިޔަަވައި ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ދެ ޑޯޒު ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް ކަނޑައަޅައި އެޗްޕީއޭއިން އުސޫލު އާންމުކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އޮމިކްރޯން ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޑިސެމްބަރ 27 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ ކޮވިޑް ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު ދެ ހަފުތާއަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ ކަމަށް އުސޫލުގައިވެއެވެ. ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވެ، ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ރާއްޖެއިން ބޭރުން އަންނަ އިރު 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮތުން ވެސް އެޗްޕީއޭ އިން މިހާރު ވަނީ ލާޒިމްކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު، 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި އެއް އަހަރު ނުވާ ކުދިންގެ މި ޓެސްޓް އޮންނާކަށް ނުޖެހެއެެވެ. އެޗްޕީއޭ އިން އެ ފިޔަވަޅުތަށް ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ވަނީ އަންގާފައެވެ.

އޮމިކްރޮން ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާ ބައްރުގެ ގައުމުތަކެވެ.



ކިޔުންތެރިންގެ ހިޔާލު