އަހުމަދު މަސްނޫމް   27 ޑިސެމްބަރު 2021 - 5:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނިންމައިފިއެވެ.

ޖޭއެސްސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން ޖޭއެސްސީއާއި ހިއްސާ ކޮށްފައިވާ ކަމަށާއި އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސުން އެ އޯޑިއޯގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާޒީ ފާއިޒްގެ މައްސަލަ ޖޭއެސްސީން ބަލަމުންދާތީ އެކޮމިޝަނުން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑްކޮށްފައެވެ. ގާޒީ ފާއިޒް ސަސްޕެންޑްކުރުމަށް ފަހު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެއް ވެސް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެެވެ. އެހެން ނަމަވެސް ޖޭއެސްސީން ވަނީ ލީކްވި އޯޑިއޯއިން އިވެނީ އެގާޒީންގެ އަޑު ނޫން ކަމަށް ބުނެފައެވެ. އެކޮމިޝަނުން އެގޮތަށް ހާމަކުރީ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއާ ހަވާލާދީ ކަމަށް އޭރު ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިހާރު ވަނީ މިނިވަންކޮށްފައެވެ. ރައީސް ޔާމީން ދާދިފަހުން ވެސް ވަނީ އޯޑިއޯތަކުން އިވޭ ގާޒީންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު