މ. މަޑުއްވަރީ ނަޞްރު މިސްކިތް (ރަސް ފޮޓޯ)
މ. މަޑުއްވަރީ ނަޞްރު މިސްކިތް (ރަސް ފޮޓޯ)
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ގިނަ ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގިނަ ރަށްތަކުގައި އަލުން މިއަދު ޖަމާޢަތުގައި ނަމާދުކުރަން ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 19 އޭޕްރީލް 2020 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އޭގެ ކުރިން މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ.

މިއަދު ޖަމާޢަތުގައި ނަމާދުކުރަން ފަށާފައިވަނީ މާލެސިޓީއާއި 25 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައެވެ. މިއަދު ޖަމާއަތުގައި ނަމާދު ކުރަން ނުފަށާ ރަށްތަކަކީ މި ވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްތަކުގެ އިތުރުން އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ހިމެނޭގޮތަށް ކަނޑައެޅުނު 25 ރަށެވެ.

މިއަދު ޖަމާޢަތުގައި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލާފައިވާއިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީންވަނީ ކައުންސިލްތަކަށް އަންގާފައެވެ.

އެގޮތުން، ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި ނޫނީ އެއަރކޯނު ބޭނުން ނުކުރުމަށާއި، އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުމަށް ވަނީ އަންގަވާފައެވެ.

މިސްކިތަށް ދާ ފަރާތްތަކުންވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، ކުޑަ މުސައްލައެއް ގެންދިއުމާއި، މާސްކް އެޅުމާއި، ރޯގާ ޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ނަމަ މިސްކިތަށް ނުދިއުމާއި، ނަމާދު ނިމުމަށް ފަހުގައި މިސްކިތުގައި ގިނައިރުވަންދެން މަޑުނުކުރުމާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުމާއި، އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުންފަދަ ކަންކަމުން ދުރުހެލިވުމުގެ އިތުރުން ޖަމާޢަތުގެ ސަފު ހެދުމުގައި ގައިދުރުކަން ނުބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާ ރަށެއް، މިއަދަށް ފަހުގައި ހާލަތު ބަދަލުވެ ނަމާދު ކުރަން ނުފަށާ ރަށްތަކަށް ކަނޑައަޅާ ކެޓަގަރީއަށް ފެތިއްޖެނަމަ އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިވަގުތު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ މިހާރުގެ ހާލަތަށް ބަލައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ދަށުން މިވަގުތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި، ހާލަތު ރަނގަޅުވަމުން އަންނަނަމަ އެކަންކަމުގައި ލުއިތަކެއް ދެމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން