ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ މިދިޔަ ހަފުތާގައި އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢުމަރު ޒާހިރަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހީންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެއްކަމަށެވެ.

ރައީސް ސާލީހު ވިދާޅުވީ ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫންކަމަށާއި އެ މަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްޤީގެ އެއް ތަނބުކަމަށެވެ.

"ޤައުމީ ޚިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިޚްލާޞްތެރިކަމަކީ، އެ މަނިކުފާނުގެ ޠަބީޢަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ޙިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކިތަންމެ ތަޢުރީފެއް ކުރިޔަސް، އެ މަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތްކަމަށާއި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތަކާއި އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ މަލަތައްކަމަށެވެ.

"ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއަރޕޯޓަކީ، ޢުމަރު ޒާހިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ޤައުމީ ތަރިކައެއް. ހުޅުލޭ ފަޅު ހިއްކައިގެން ހުޅުމާލެ އުފެއްދުމަކީ، ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން، ޢުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫޢެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރިކަމަށެވެ. އެހެންކަމުން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

"އެހެންކަމުން، އެ މަނިކުފާނު ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމީ ޚިދުމަތްތަކުގެ އިތުރުންވެސް ވަރަށް މުހިންމު ތަރިކައެއް، އެ މަނިކުފާނު ވަނީ އަޅުގަނޑުމެންނަށް ދޫކުރައްވާފައިކަމަށެވެ. އެއީ އެ މަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީކަމަށާއި އެމަނިކުފާނު އެ ޑައިރީ ލިޔުއްވަން ފަށްޓަވާފައި އޮތީ، ކިޔަވާވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވި ދުވަހުކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ އެއީ، 1943 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި. އޭރު އެމަނިކުފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ހަތް އަހަރު.އެ އަހަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެ މަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކު ޑައިރީ ލިޔުއްވަމުން. އެއީ އެއް ފޮތެއް، ދެ ފޮތެއް ނޫން. ސާޅީހަށްވުރެ ގިނަ ފޮތާއި، އެތައް ބައިވަރު ނޯޓްތަކެއް. ސަރުކާރުގެ އެތައް ޒިންމާތަކެއް އަދާކުރައްވަމުން، ދުވަހުން ދުވަހަށް ޑައިރީ ލިޔުއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ޑައިރީ ކިޔައިލުމުގެ ނަސީބު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށާއި އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައްތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތްކަމަށެވެ. އަދި އޭގެ އިތުރުން، ޤައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރިކަމަށާއި އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ޞަފްޙާތަކުން މުޅިންވެސް ފެނުނީ ޢިބްރަތްތަކާއި ފިލާވަޅުތައްކަމަށާއި، އެއީ ތާރީޚީ މަޢުލޫމާތުގެ ކަންޒެއްކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު