ފައިލް ފޮޓޯ: އެމްޓީޑީގެ ޖަލްސާއެއްގެ ތެރެއިން
ފައިލް ފޮޓޯ: އެމްޓީޑީގެ ޖަލްސާއެއްގެ ތެރެއިން
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ބައިވެރިވާން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން އިން ނިންމި ނިންމުން ބަދަލުކޮށް، އިންތިހާބުގައި ވާދަނުކުރަން ނިންމައިފިއެވެ.

އެމްޓީޑީން މިގޮތަށް ނިންމިއިރު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ނިންމާ، އެކަމަށް އެދޭ ޕާޓީގެ މެންބަރުންނަށް ފުރުސަތު އޮތީ މިއަދުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެމްޓީޑީން ބުނީ މިއަދު ބޭއްވި އެމްޓީޑީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެޕާޓީން ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށްވެސް އެ ޕާޓީން ބުނެއެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެކަން އެމްއެންޕީއާއި ޕީޕީއެމް އަދި އެމްޑީޕީން ވަނީ އިއުލާންކޮށްފައެެވެ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ދީފައިވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށެވެ.

އެމްއެންޕީގެ ޓިކެޓް، ށ. ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސަށް ދީފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު