އަހުމަދު މަސްނޫމް   27 ޑިސެމްބަރު 2021 - 19:24
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަން ތައްޔާރުވެއްޖެއެވެ.

މިއަހަރު ފެށުނުއިރު ސަރުކާރުން ފުރަތަމަ ލަފާކުރީ ރާއްޖެއަށް މިއަހަރު އަންނާނީ 800,00 އާއި 1,000,000 ދެމެދުގެ އަދަދެއްގެ ފަތުރުވެރިން ކަމަށެވެ. އެގޮތުން މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ރާއްޖެއަށް ވަނީ އެއް މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށެވެ. އަދި އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ރަސްމިއްޔާތެއް އޮންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ ޒިޔާރަތްކުރާއިރު، މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މިމަހުގެ 26 ވަނަ ދުވަހު 7،098 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކޮށް އަލުން ހުޅުވިފަހުން އެއްދުވަހެއްގައި އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަސްކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،294،492 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިހާރު ސަރުކާރުން ކަނޑައަޅާފައިވާ 1.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށްޓަކައި ރާއްޖެއަށް އިތުރަށް ޒިޔާރަތް ކުރަން ޖެހެނީ 5،508 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ 22.5 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އަންނަނީ 16.9 އިންސައްތަ ހިއްސާއަކާއެކު ރަޝިއާގެ ފަތުރުވެރިންނެވެ.

ރާއްޖެއަށް ލިބެމުން އަންނަ މި ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް މިއަހަރުވެސް ދިވެހިރާއްޖެއިން ވަނީ ހޯދައިފައެވެ. މިއީ މިއެވޯޑް ޖެހިޖެހިގެން ރާއްޖެއިން ޙާސިލްކުރި ދެވަނަ އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު