ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރަކީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މަރުހޫމް އުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އަރޓް ގެލެރީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ލިއުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްޙޫމް ޢުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތުގައި ވަރަށް އިޚްލާސްތެރި އަދި ދައުލަތައް ވަރަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ.

އަދި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާގޮތުގައި އަލް މަރްޙޫމް ޢުމަރު ޒާހިރު ވަނީ މާ ގިނަ ވަޞީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޙިއްޞާ ބޮޑުކަމުގައި ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޢުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު