ވިޔަފާރިއެއްގެ ވެރިފަރާތުގެ ނުވަތަ ޓެކްސް ދައްކަން ޖެހޭ ފަރުދެއްގެ ބައިވެރިވުމެއް ނެތި މީރާއިން އިސްނަަގައިގެން ޓެކުހަށް ރަޖިސްޓްރީކުރުމުގެ ބާރު މީރާއަށް ލިބޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް މިއަދު ގެނައި ހަވަނަ އިސްލާހުގައި ބުނީ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭނެކަމަށް މީރާއަށް ގަބޫލުކުރެވޭ ފަރާތްތައް، އެ ޤާނޫނުގެ ދަށުން ނުވަތަ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް އެ ފަރާތްތަކަށް އެންގުމުގެ އިޚުތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވާ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ހަރަކާތެއް ފަށައިފިނަމަ ނުވަތަ މީރާއަށް ދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މަޢުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތަކާ ގުޅޭ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އަދި ޓެކްސް ދައްކާ ފަރާތުން އައްޔަނުކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އެކަން 15 ދުވަހުގެ ތެރޭގައި މީރާއަށް އަންގަން ޖެހޭނެ ކަމަށް އަލަށް މިއަދު ގަވައިދަށް ގެނައި އިތުރު އިސްލާހްގައި ބުނެފައިވެއެވެ.

ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީކޮށްފައި ނުވާނަމަ، ރަޖިސްޓަރީނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، -/50 ރުފިޔާގެ މަގުން އެ ފަރާތް ޖޫރިމަނާ ވާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ޖޫރިމަނާ ވުމުގެ އިތުރުން މި ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް، އެއްމަސްދުވަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ. އެންމެ ގިނަ ވެގެން ޖޫރިމަނާ ކުރެވޭނީ -/5000 ރުފިޔާއާއި ހަމައަށް ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެެވެ.



ކިޔުންތެރިންގެ ހިޔާލު