މުއްސަނދިން ނޫންބަޔަކަށް ބިން ނުލިބޭ ގޮތަށް ހުޅުމާލެއިން ބިން ވިއްކަން އިއުލާން ކުރުމުން އެކަން ހުއްޓާލަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާ އެއްގޮތަށް 60 ގޯތި ވިއްކަން އެޗްޑީސީން މިއަދު ވަނީ ބީލަމަށް ހުޅުވާލާފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދުން ލިބޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.



ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމީ ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަން ދީފައިވަނީ އަލަށް ބިން ގަންނަ ފަރާތް ތަކަށް ކަމަށް އެޗްޑީސީ އިން ބުނެ އެެވެ.

އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ކުރެ ކޮންމެ ފަރާތަކަށް ވެސް ބިން ގަނެވޭނެ ކަމަށާއި ކޮންމެފަރާތަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށް އެޗްޑީސީ އިން ބުނެ އެެވެ. ބިން ވިއްކައިގެން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު