ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާއާއި ބަދުނާމުން އެމްޑީޕީ ސަލާމަތް ނުވާނެ ކަަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، މުއްސަނދިން ނޫންބަޔަކަށް ބިން ނުލިބޭ ގޮތަށް ހުޅުމާލެއިން ބިން ވިއްކަން އިއުލާން ކުރުމުން އެކަމާއި ދެކޮޅަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ތެދުވެވަޑައިގަތުމާއި ގުޅިގެންނެެވެ. މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އާމްދަނީ މަދުން ލިބޭ މީހުންނަށް ބިން ނުގަނެވޭ ގޮތަށް ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ސިޔާސަތު ބަދަލު ކުރުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅުނީތޯ ސުވާލުކުރައްވާފައެވެ.



" އެމްޑީޕީ ލީޑް ކުރާ ސަރުކާރެއްގައި ތިޔަވަރުގެ ކަމެއް ( ހުޅުމާލެއިން ބިން ވިއްކުން) ނިންމާއިރު އެމްޑީޕީގެ ކިބައިން "ހޭވެސް" އަހާނުލަނީތޯ؟" ހުޅުމާލެއިން ބިން ވިއްކާ މައްސަލައިގައި ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސްގެ ޚިޔާލުފުޅު ތަފާތުވުމާއި ގުޅިގެން އާދަމް ޝަރީފް ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާއާއި ބަދުނާމުން އެމްޑީޕީ ސަލާމަތް ނުވާނެ ކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ބޮޑެތި ނިންމުންތައް ނިއްމާއިރު އެމްޑީޕީގެ މަޝްވަރާ ނުހޯދާ ކަމަށް ވިދާޅުވެ އެޕާޓީގެ ޗެއާޕަސަން ހަސަން ލަތީފް ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ސަރުކާރަކީ އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް ގުޅިގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރެކެެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިހާރު ކޯލިޝަން އޮތީ ހަމައެކަނި ނަމެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު