އެންމެންނަށް ނުލިބޭ ގޮތަށް މާލެއިން ބިން ވިއްކައިގެން ނުވާނެކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީން ހުޅުވާލުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ރީކޯ މޫސަ ވިދާޅުވީ ‏މާލެއަށް އުފަން އެތައް ރައްޔަތުންނެއް ބިންކޮޅެއް ނުލިބި އެބަތިބިކަމަށެވެ.

މޫސަ ވިދާޅުވީ ސަރުކާރުން ހިލޭ ބިން ދޫކުރާނަމަ އެންމެންނަށް ނުލިބޭ ގޮތަށް މާލޭގެ ބިން ވަކިބަޔަކަށް ދީގެން ނުވާނެކަމަށެވެ. އަދި ވިއްކައިގެންވެސް ނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވި ނަމަވެސް މީގެކުރިން އެތައް ފަހަރަކު ހުޅުމާލެއިން ވަނީ ބިން ވިއްކާފައެވެ. އާމްދަނީ މަދުން ލިބޭ ރައްޔިތުންނަށް އެތަނުގައި ތަރައްގީކޮށް ވިއްކަނީ ފްލެޓެވެ.

މޫސަގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ ހުޅުމާލެއިން މުއްސަނދިންނަށް ގޯތި ވިއްކުމަށް ނިންމުމާއި ގުޅިގެން އެކަމަށް ފާޑު ކިޔަމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދުން ލިބޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ހުޅުމާލެއިން ބިން ވިއްކަނީ އެތަނުގައި ތަރައްގީ ކުރާ ސޯޝަލް ހައުސިންގ ފަދަ ބޯހިޔާވަހިކަމުގެ އަގުތައް ތިރިކޮށް އެފަދަ ކަންކަމަށް ފައިސާ ހޯދުމަށް ކަމަށް އެޗްޑީސީން ބުނެފައިވާއިރު ރައީސް ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި ބޮޑަށް ބުރަވެ ވަޑައިގެންފައިވަނީ ހުޅުމާލޭގައި ބޯހިޔާވަހިކަމަށް ނަގާފައިވާ ލޯނުތައް، އެތަނުން ފްލެޓް ލިބިފައިވާ މީހުންގެ އަތުން ނަގާގޮތަށެވެ.

ހުސްވި ހަފުތާގައި ބޭއްވި އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ހުޅުމާލޭގެ ބިން ރަހުނުކޮށް 1.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ލޯނެއް ނަގާފައިވާ ކަމަށާއި، އެ ލޯން އަނބުރާ ނުދެއްކިއްޖެނަމަ ރަހުނު ކޮށްފައިވާ ހުޅުމާލޭގެ ބިން އަތުން ބީވެގެން ހިގައިދާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ބިން ރަހުނުކޮށް ނަގާފައިވާ ދަރަނި ދައްކަންޖެހެނީ ޗައިނާއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގެ އިމާރަތްކޮށްފައިވާ ހިޔާ ފްލެޓްގެ 7000 ފުލެޓުން ލިބޭ ކުލީގެ ގޮތުގައި ދައްކާ ފައިސާއިން އެ ދަރަނި ނުދެެއްކޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ އިތުރު ބިން ވިއްކައިގެން އެ ދަރަނި ފޫބެއްދިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.

"ސަރުކާރަށް އެ އިންޓްރެސްޓް އަދައެއް ނުކުރެވޭ، އެ ލޯނެއް އަދައެއް ނުކުރެވޭނެ އިންޓްރެސްޓް ކުޑަވާނެ އުސޫލުތަކާއި ގޮތްތައް ހޯދާފައި އެ އިންޓްރެސްޓް އަމިއްލަ މީހާއަށް ފުރޮޅާލާށޭ، ސަރުކާރަކުން އެ ބުރައެއް ހިފައިގެނެއް މި ހުޅުމާލޭގައި އެކަން ކުރެވޭކަން ނެތް." ހުޅުމާލެ ތަރައްގީ ކުރުމަށް ނަގާފައިވާ ދަރަނީގެ އިންތްރަސްޓް އަމިއްލަ މީހުންގެ ޖީބުން ދައްކާ ގޮތަށް ހަދައިގެން ނޫނީ ދަރަނި ނުދެއްކޭނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ. ހުޅުމާލެއިން ބިން ދޫކުރާއިރު އިސްކަންދޭނެ ކަންކަން ވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު