އޭސީސީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި ބާއްވާފައި މަޖިލިސް ޗުއްޓީއަށް ނުދެވޭނެކަމަށް ކުރީގެ ކޮމިއުނިކޭޝަން، ސައިންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާދީ، އެކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިއުމުންނެވެ.

މަލީހު ވިދާޅުވީ އެމްޑީޕީގެ އޭސީސީއަކީ ‏މިނިވަން މުއައްސަސާއެއްކަމަށެވެ. އަދި އޭސީސީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި ބާއްވާފައި މަޖިލިހަށް ޗުއްޓީއަށް ނުދެވޭނެކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މިފަދަ ހާލަތެއްގައި ސަރުކާރަށް މަސައްކަތް ކުރިޔަށް ނުގެންދެވޭނެކަމަށާއި އެއީ ޖަވާބުދާރީ ނުކުރުވޭނެތީކަމަށެވެ. އެހެންނޫނީ ސަރުކާރު ބޮޑުތަޅު އެޅުވުމަށް ނޫނީ އޭސީސީގެ ގާނޫނީ ހުސްކަން ފިލުވުމަށް މަލީހު ގޮވާލެއްވިއެވެ.





އެމްޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އައިމިނަތު ޝިއުނާ އާއި އެކޮމިޝަނުގައި ބާކީ ތިބި 2 މެމްބަރުން އިއްޔެ އިސްތިއުފާ ދެއްވިއިރު، އެކޮމިޝަނުގެ 2 މެމްބަރަކު ވަނީ މިމަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން 5 މެންބަރުން ތިއްބަވާ އޭސީސީގައި މިހާރު އެއްވެސް މެމްބަރެއްނެތެވެ.

އޭސީސީގެ ރައީސާއާއެކު ތިން މެމްބަރަކު އިއްޔެ އިސްތިއުފާ ދެއްވީ އޭސީސީގެ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު