މިނިވަންކަމާއެކު ޒިންމާ އަދާކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަށަވަރުކޮށްދެއްވިކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އޮޑިޓް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ޒަރިޔަންދަކީ ޓެންޑަ ބޯޑުގެ ޗެއަރމަންގެ އިތުރުން އެ ބޯޑުގައި އާއްމުން ތަމްސީލްކުރައްވާ މެމްބަރެކެވެ.

ޒަރިޔަންދު ‏ޢާއްމު ފަރުދެއްގެ ގޮތުން ނޭޝަނަލް ޓެންޑަރ ބޯޑުގައި ހޭދަކުރައްވާ ދައުރު މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. މިދިޔަ މުއްދަތުގައި އޭނާއަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ޒަރިޔަންދު ވިދާޅުވީ ބޯޑުގެ ނިންމުންތައް ނިންމުމުގައި އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މިނިވަންކަމާއިއެކު ޒިންމާ އަދާކުރެވުނުކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު ރައީސް ސާލިހު ކަށަވަރުކޮށްދެއްވިކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.



ނޭޝަނަލް ޓެންޑަރ ބޯޑުގައި ޒަރިޔަންދު މިހާރު ހޭދަކުރައްވާ ދައުރު މި އަހަރުގެ ނިޔަލަށް ހަމަވުމުން އޭނާ ދެން ވަޑައިގަންނަވާނީ ކޮން ދާއިރާއަކަށް ކަމެއް ނޭނގެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުން ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް ވަޑައިގަތުމަށްފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުން ވެސް އޭނާ ފެނިދާނެއެވެ. އަދި އޭނާއަކީ އެމަގާމަށް ވަރަށް ވެސް ގާބިލު ބޭފުޅެއްކަމަށާއި ނަތީޖާ ވެސް ނެރެދެއްވާނެ ބޭފުޅެއް ކަމަށް ބައެއް މީހުން ބުނެއެވެ.

މިނިވަންކަމާއެކު ޒިންމާ އަދާކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށް ޒަރިޔަންދު ވިދާޅުވެފައި ވީ ނަމަވެސް ޒިންމާ އަދާނުކުރެވުނު ކަމަށް ނިންމައި މަގާމުން ވަކިކުރަން ތައްޔާރުވެފައި ވަނިކޮށް އިސްތިއުފާ ދެއްވި އޭސީސީގެ މެންބަރުން ވަނީ ސަރުކާރާއި މަޖިލިސް މެންބަރުން އޭސީސީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ޢަލީ

30-Dec-2021

ޒަރިޔަންދުގެ ވާހަކައިގެ ރާގު ބަދަލުވެއްޖެ