މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ސިޔާސީ ފަރާތްތަކާމެދު ރައްޔިތުން ސަމާލުވާންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތައިލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށާއި ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ބައިގެ ތެރޭގައި އިތުރަށް އެކަން ފެންނާނެކަމަށެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވުމުގައި ސިޔާސަތުގެ މައްސަލަތައްވެސް ފާހަގަވެފައިވާކަމަށެވެ. އެގޮތުން ތަފާތު ސަރުކާރުތަކުން ގެންގުޅުނު ތަފާތު ސިޔާސަތުތަކަކީ އޭގެ އެއް ސަބަބުކަމަށެވެ.

އިމްރާން ވިދާޅުވި މިއަދު ނައްތާލެވުނު 314.82 ކިލޯގެ މަސްތުވާތަކެއްޗާއެކު މި ސަރުކާރު އައިފަހުން 1.8 ޓަނޫގެ މަސްތުވާތަކެތި ނަތާލެވިއްޖެކަމަށެވެ. އަދި މިއީ މަގުމަތީ އަގުން ބަލާނަމަ 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތިކަމަށް އިމްރާން ވިދާޅުވިއެވެ.



އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ދެން އޮތީ ރައްޔިތުންގެ ޒިންމާ އާއި އެއްބާރުލުންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުން ނައްތާލުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގާ މީހުންނާ ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ގުޅުން އޮންނަ ކަމަށް އިމްރާން ވިދާޅުވި ނަމަވެސް މިހާތަނަށް ފުލުހުން ވެސް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ވެސް ރާއްޖޭގެ ސިޔާސީ ބޮޑުންގެ ގޮތުގައި ނަންހިނގާ އެއްވެސް ފަރާތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ބަޔަކާ ނޫނީ ނެޓްވޯކަކާއި ގުޅުން އޮވެގެން އެފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

"އެ މަގަށް މި ކަންކަން ބައްޓަންކޮށްގެން ނޫނީ އަޅުގަނޑުމެންނަށް މީގެން ސަލާމަތް ވެވޭނެ ގޮތެއް ނެތް." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް އިންޑިއާގެ އަސްކަރިއްޔާއާއި ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތް ތަކަށް ހުރަސް އެޅުމަށް ހިންގާ ކެމްޕޭނެއް ކަމަށް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ދޫނިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ވަނީ ނައްތާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު