އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ވިއްކާ އެކި ބާވަތްތަކުގެ މުދާ ރާއްޖޭގެ ރަށްރަށުގައި ވިއްކާނެ އޭޖެންޓުން ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ އޭޖެންޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެސްޓީއޯގެ މުދާ ވިއްކުމަށް އޭޖެންޓުން ހޯދަނީ އެކި ބްރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ އިތުރުން، އެސްޓީއޯގެ ވިޔަފާރީގެ ތެރެއިން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމުގެ މަޤްޞަދުގައިކަމަށް އެސްޓީއޯއިން ބުނެއެވެ.



އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށްވެސް އޭޖެންޓަކަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެސްޓީއޯއިން އޭޖެންޓުން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުންނެވެ. މިގޮތަށް ހޮވާ އޭޖެންޓުން މުދާ ވިއްކަންވާނީ އޭޖެންޓެއްގެ ގޮތުގައި ހޮވުނު އަތޮޅު ނުވަތަ އެހެން އޭޖެންޓެއް ނެތް އަތޮޅުތަކުގައެވެ.

އޭޖެންޓުން ދެ ގިންތިއަކަށް ބެހޭނެއެވެ. އެއީ ފިހާރަ ހިންގާ ފަރާތްތަކާއި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކެވެ. މިގޮތަށް ނަގާ އޭޖެންޓުން އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ކަނޑައެޅޭ މިންވަރަކަށް މުދާ ވިއްކަންވާނެކަމަށް އެކުންފުނިން ބުނެ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް ހުޅުވާފައިވަނީ 1991 ގައެވެ. އަދި އޭގެ ފަހުން 1995 ގައި އެސްޓީއޯ ހޯމް އިމްޕްރޫމްވްމެންޓް ހުޅުވައި އެސްޓީއޯގެ ވިޔަފާރި ވަނީ ފުޅާކޮށްފައެވެ. އެސްޓީއޯއިން އޭޖެންޓުން ހޯދަނީ މި ދެތަނުން ވިއްކާ ސާމާނު އަތޮޅުތަކުގައި ވިއްކުމަށެވެ.



ކިޔުންތެރިންގެ ހިޔާލު