ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވޮލަންޓިއަރުން ވަނީ އަމިއްލަ ދިރިއުޅުމަށްވުރެ އިންސާނިއްޔަތުކަން އިސްކޮށްފައިކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިހެން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިސް ސަފުގައި މަސައްކަތްކުރި ނޮން-މެޑިކަލް ވޮލަންޓިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ކޮވިޑްގެ ބަލިމަޑުކަމުގައި ވޮލަންޓިއަރުންގެ ތެރޭގައި ވެސް އެކި ކަހަލަ ޒާތީ އަދި އިޖްތިމާޢީ ތަކްލީފްތަކާ ކުރިމަތިލާން ޖެހިފައި ތިބި ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުމުގެ ކަންކަން އިސްކުރެއްވުމުގެ ބަދަލުގައި އިންސާނިއްޔަތުކަން އިސްކުރެއްވިކަން ފާހަގަކުރެއްވިއެވެ.

އަދި އެކަމަނާގެ ވާހަކަފުޅުގައި ވޮލަންޓިއަރުންނަކީ ވެސް އިންސާނުންކަމަށާއި އެބޭފުޅުންނަކީ ދިރިއުޅުއްވުމަށްޓަކައި ޒަރޫރީ ބޭނުންތައް ފުރިހަމަކުރައްވަންޖެހޭ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުންނަކީ ޚަރަދުކުރައްވަން ޖެހޭ ބޭފުޅުންކަން ދަނެގެން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ އުޖޫރައެއް ޓޫރިޒަމް މިނިސްޓްރީން ހަމަޖަސައްސަވައިދެއްވިކަމަށްޓަކައި މިނިސްޓްރީއަށް ޝުކުރު އަދާކުރެެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖުމްލަކޮށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އިސްނަންގަވައި ޙަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު