ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖު ދިނުމަށް "މިނިމަމް ވޭޖު އެލަވަންސް"ގެ ނަމުގައި އެލަވަންސެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.

"މިނިމަމް ވޭޖް އެލަވެންސް" ތައާރަފް ކުރި ނަމަވެސް މި އެލަވެންސް ދޭން ނިންމާފައިވަނީ ޖަނަވަރީ މަހުގެ މުސާރައާއި އެކުއެެވެ. ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ މިނިމަމް ވޭޖް ދޭއިރު އަސާސީ މުސާރައަށް ބަދަލު ނުގެންނަން ނިއްމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިމަމް ވޭޖް ދޭނީ އެކަމަށް ކަނޑައަޅާ ފިކްސްޓް އެލަވަންސަކުން ކަަމަށް އޭނާ ވިދާޅުވިއެވެ. މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެކަން އެސްޖީ މުހައްމަދު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް 1،500ރ. ގެ މުސާރައިގެ ކުރިއެރުމެއް ލިބޭއިރު 1،000ރ. ގެ އިތުރުވުމެއް 35 ޕަސެންޓް މުވައްޒަފުންނަށް ލިބެ އެެވެ. މީގެ އިތުރުން 500ރ. ގެ އިތުރުވުމެއް 11 ޕަސެންޓް އަދި 500ރ. އަށް ވުރެ ދަށް އަދަދެއް 4 ޕަސެންޓް މުވައްޒަފުންގެ މުސާރައަށް އިތުރުވާނެ ކަން ފާހަގަކޮށްލެވެއެެވެ.

އެހެން ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިނިމަމް ވޭޖް އެލަންވަސްގެ ގޮތުގައި އިތުރުވާނީ އެ މީހެއްގެ އަސާސީ މުސާރައަށް ފިކްސްޑް އެލަވަންސްތަކާ އެކު 7،000ރ. ހަމަނުވާ މީހުންނަށް އެކަންޏެވެ. މިނިމަމް ވޭޖް އެލަވަންސް ލިބެނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ސަރުކާރުން ކުދި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކު 4500ރ. އެެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7000ރ. ދޭގޮތަށް ވަނީ ނިންމާފައެވެ.

މިނިމަމް ވޭޖް ދިނުމަށް ދައުލަތުގެ ބަޖެޓަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައެެވެ.



ކިޔުންތެރިންގެ ހިޔާލު