އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން މަނާކުރުމަށް ނިންމައި އެކަމަށް ކަނޑައަޅާފައިވާ ތާރީޚުތައް އާންމުކޮށްފިއެެވެ.



އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން ސަރުކާރުން މަނާކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރެއްގައެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެމަނިކުފާނު ނެރުއްވި ގަރާރުގައި އެ 13 ބާވަތް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކުރައްވާފައެވެ.

ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވަނީ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ފަދަ ތަކެެެއްޗެވެ. މީގެ ތެރޭގައި އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ އަމިއްލަ ޒާތުގައި ނެތިވެފަނާވެދާ ފަދަ ޕްލާސްޓިކްވެސް އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.

ރައީސް ނެރުއްވި މިޤަރާރުން ވަނީ ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ ޕެކެޓާއި 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ، ސައިބޯނި އަދި ލޯޝަން ފުޅިއާއި ރާއްޖޭގައި އުފައްދާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ރާއްޖޭގައި އުފައްދާ 500 މިލިލީޓަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އުފެއްދުމާއި ބާޒާރަށް ނެރުން، 2022ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާކުރުމަށްވަނީ ނިއްމަވާފައެވެ.

މީގެ އިތުރުން އެ ބާވަތްތަކުގެ ތެރޭގައި ބާޒާރުކުރުމަށް ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅުވެސް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ އަމިއްލަ ޒާތުގައި ނެތިފަނާވެދާ ފަދަ ޕްލާސްޓިކާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅިއާއި ރާއްޖޭގައި އުފައްދާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ފަހުން އުފެއްދުން ވަނީ މަނާކޮށްފައެވެ. އަދި މިތަކެތި 2023ވަނަ އަހަރުގެ މާޗު މަހުގެފަހުން ބާޒާރަށް ނެރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ 2 ވަނަ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ. އަދި އެކި މަރުޙަލާތަކަކަށް ބަހާލައިގެން އެކަން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާއިރު ފުރަތަމަ ލިސްޓު 2022 ވަނަ އަހަރުގެ ޖެނުއަރީ 1ގައި ޢާއްމުކުރަންޖެހޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު