އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރީ ދަރަނި މަޅިއެއްގައި ސަރުކާރު ޖެއްސުމަށް ފަހު، ބަޣާވާތެއް ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތުހުމަތު ކުރައްވައިފިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިހެން ވިދާޅުވީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލް ކޮށްފިނަމަ ހުޅުމާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެޗްޑީސީން ނަގާފައިވާ ލޯނުތައް އެކީ އެކުގައި ދައްކަން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ކަމަށް ބުނެ މީޑިޔާ އަކުން ޝާއިއު ކުރި ޚަބަރެއް ޝޯޝަލް މީޑިޔާގައި ހިއްސާކުރައްވަމުންނެވެ. އެކަމާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން މަގުމަތިން ބަޣާވާތް ކޮށްގެން ވައްޓާލެވެން ނެތް ކަމަށެވެ. އެހެންކަމުން ދެން އޮތީ މާލީ ގޮތުން ސަރުކާރަށް ގޮންޖެހުން ކުރިމަތިކޮށްގެން ސަރުކާރު ވައްޓާލުން ކަމަށް އޭނާ ވިދާޅުވިއެވެ.



"ރަހުނު ރަޖިސްޓްރީ ބާތިލް ކުރަން އުފަން ކުރި ނުބައި ވިސްނުމަކީ ސީދާ (އިދިކޮޅު ޕީޕީއެމް ޕީއެންސީ ލީޑަރު) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިކުނޑިން އުފަން ކުރުވި ވިސްނުމެއް ކަން ޔަގީންވޭ." އެ ނިއްމުމަކީ ރައީސް ޔާމިން އަޑީގައި ހުންނަވައިގެން ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީކައުންސިލުން ނިއްމައިފައިވާ ނިއްމުމެއް ކަމަށް އިޝާރަތް ކުރައްވަމުން ބޮންޑެ ވިދާޅުވިއެވެ.

ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރަން ސިޓީ ކައުންސިލުން ނިންމުމުން އެ މައްސަލަ އެޗްޑީސީން މިހާރު ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެެެވެ. އޭގެ ގެއްލުމުގެ ބަދަލު ހޯދަން އެދިފައިވާއިރު ސިވިލް ކޯޓުން ވަނީ މައްސަލަ ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ. މާލޭ ސިޓީކައުންސިލްގެ ސާފު މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕިއެމަށެވެ. މާލޭގެ މޭޔަރަކަށް ހުންނަވަނީ އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލުން ނިންމާ ނިންމުންތަކާއި ގުޅިގެން ސަރުކާރާއި ދެމެދު ވަނީ ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުންތަށް އުފެދިފައެެވެ.



ކިޔުންތެރިންގެ ހިޔާލު