އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިއެވެ.

މިދިޔަ އޮކްޓޯބަރުމަހު ފަހުކޮޅު ގޭގައި މަރުވެފައި އޮއްވާ ފެނުނު މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވާފައިވަނީ މޭރީ ގްރޭސްގެ ފިރިމީހާއާއި ދިވެހި އަންހެނެއްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ އެމައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލައާ މެދު އަންނަ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެކަމަށް އެ އޮފީހުން ބުނެއެވެ.

މިދިޔަ އޮކްޓޯބަރުމަހުގެ ފަހުކޮޅު ގޭގައި މަރުވެފައި އޮއްވާ ފެނުނު މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާއެވެ. އަދި އޭގެ ފަހުން އެ މައްސަލާގައި ދިވެހި އަންހެނެއް ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މޭރީގެ މަރާއި ގުޅިގެން ފުރަތަމަ ހަބަރު ފެތުރުނީ އޭނާ އަމިއްލައަށް މަރުވިކަމަށް ބުނެއެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކުތަކެއް ހުރެގެން ފުލުހުން ވަނީ މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއްވެސް ހަދާފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ދަންޖެހިގެން މަރުވީކަމަށާއި، އަދި ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށް އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.

މޭރީ ގްރޭސްގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުރި ނަމަވެސް އެއީ ކަރުގައި ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. ޕޯސްޓްމޯޓަމް ރިޕޯޓުންވެސް އޭނާ ދަންޖެހިގެން މަރުވެފައިވާ ކަމަކަށް ހާމަވެފައި ނުވާކަމަށް އެނގިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު