5 ރަށެއްގެ ދޮށިމަސްކަނދު އަލުން އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އަލުން މަސްކަނދު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ކުރިން އަޅާފައިވާ ކަނދުތައް ކަނޑައިގެން ގޮސްފައިވާ 5 ރަށެއްގައިކަމަށެވެ.

އަލުން މަސްކަނދު އަޅާ ރަށްތަކަކީ ހއ. ފިއްލަދޫ، މ. މަޑުއްވަރި، ދ. ހުޅުދެލި، ގއ. ދެއްވަދޫ އަދި ފުވައްމުލަކު ސިޓީއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވިދާޅުވީ އެރަށްތަކުގައި މަސްކަނދު އެޅުމުގެ މަސައްކަތަށް ފިޝަރީޒްގެ ކަނދުފަތި ޓީމުން މިއަދު ދަތުރު ފަށާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިދަތުރުގައި ހއ. މުޅަދޫ ފުށޮޅުގައި ވަދުމަސްކަނދުވެސް އަޅާނެކަމަށެވެ.





ރާއްޖޭގެ ކަނދުފަތީގެ ވިއުގައަށް އަންނަ އަހަރުގެ ތެރޭގައި އިތުރު 30 ކަނދުފަތި އިތުރުކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގެ ވަށައިގެން 56 ކަނދުގެ ވިއުގައެއް އެބައޮތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ރާއްޖޭގައި އަޅާފައި ހުންނަ ކަނދުފަތި ކައިރިއަށް ޒުވާނުން ގޮސް ނަނު ފައްތައިގެން މަސް ބާނާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އޭގެ ސަބަބުން ދޮށީގެ މަސްވެރިންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަމަށެވެ. އަދި މުނިފޫހިފިލުވުމަށްޓަކައި މަސް ބާނަން ދިއުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށާއި މިކަމަށް ޙާއްސަކޮށްގެން ރަށުގެ ކައިރީގައި ސަރުކާރުން ޚާއްސަ ކަނދުފަތިތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދޮށީގެ މަސްވެރިކަމަށް އަޅާފައި ހުންނަ ކަނދުފަތިތަކަކީ 15 މޭލާއި 20 މޭލާއި ދޭތެރޭގައި އަޅާފައި ހުންނަ ކަނދުފަތިތަކެކެވެ. މި ކަނދުފަތިތައް ހުންނަނީ ގާތްގަނޑަކަށް 1.5 ކިލޯމީޓަރާއި 2 ކިލޯމީޓަރުގެ ފުންމިނުގައެވެ.



ކިޔުންތެރިންގެ ހިޔާލު