އަހުމަދު މަސްނޫމް   30 ޑިސެމްބަރު 2021 - 14:22
މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 18 ބިލިއަން ރުފިޔާ ލިބުނުއިރު، ދައުލަތުން ކުރި ހަރަދުތައް 31 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 18.4 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށް ލަފާކުރި 21.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މަދު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ދައުލަތަށް ލިބުނު 18 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބުނު 13.1 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 4.4 ބިލިއަން ރުފިޔާއެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ ޖުމްލަ 6.9 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީއިންނެވެ. އެއީ 2.7 ބިލިއަން ރުފިޔާއެވެ. މީގެއިތުރުންވެސް ޓީޖީއެސްޓީ، އިންޕޯޓް ޑިއުޓީ ގްރީން ޓެކްސް، އިންކަމް ޓެކުހުންވެސް ދައުލަތައް ވަނީ އާމްދަނީ ލިބިފައެވެ.

ދައުލަތުން ކުރި ހަރަދުތަކަށް ބަލާއިރު 16 ޑިސެމްބަރުގެ ނިޔަލަށް 31.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެތެރެއިން ރިކަރަންޓް ހަރަދު ނުވަތަ ދައުލަތް ހިންގުމުގެ ހަރަދަށް 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ތަރައްގީގެ މަސައްކަތްތަކަށް ހަރަދުކޮށްފައިވަނީ 9 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 9 ބިލިއަން ރުފިޔާ އަކީ މުސާރައާއި ޕެންޝަނަށް ކުރި ހަރަދެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން 31.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓް މިއަހަރަށް ފާސްކުރިއިރު ހަރަދުގެ ޖުމްލަ އަކީ 33.4 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު