ރަށްރަށުގެ އިންޖީނުގެތައް ބަދަލު ކުރުމަށް މިއަހަރަށް ކަނޑައެޅި އަމާޒުގެ ތެރެއިން 97 އިންސައްތަ ހާސިލްކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޗީފް ސާވިސް އޮފިސަރ އަތުޚަރު ޚަލީލް ވިދާޅުވީ، ގިނަ ރަށްރަށުގައި ހުރީ ވަރަށް ހާލުގައި ހުރި އިންޖީނުގެ ތަކެއް ކަމަށެވެ. އެހެންކަމުން އެ އިންޖީނުގެތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މިއަހަރަށް ކަނޑައެޅި އަމާޒުގެ ތެރެއިން 97 އިންސައްތަ މިހާރު ހާސިލްވެފައިވާ ކަމަށާއި، ތިން ރަށް ފިޔަވައި އެހެން ރަށްރަށުގެ އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރު މިހާރު ކުރިއަށްދާ ގިނަ މަޝްރޫއުތައް ނިމި އޮފީސްތަކާއި އިންޖީނުގެތަކުން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދޭން ފެށުމުން އޭގެ ހަގީގީ ފައިދާ އޭގެ ފަސޭހަކަން ރައްޔިތުންނަށް ލިބެމުންދާނެ، ކުރިއަށް އޮތް އަހަރުގައި ވެސް ބާކީ ހުރި އިންޖީނުގެތައް ބަދަލުކުރުމާއި އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ." އަތުޚަރު ވިދާޅުވިއެެވެ.

އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން ހިންގައެވެ. ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި އެހިދުމަތް ގާއިމްކުރުމުގެ މަސައްކަތް އިއްޔެ ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައިވާއިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.



ކިޔުންތެރިންގެ ހިޔާލު