ޓްރޭޑް ޔޫނިއަންގެ ބޭފުޅުން ރައީސް ސާލިހުއާއެެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޓްރޭޑް ޔޫނިއަންގެ ބޭފުޅުން ރައީސް ސާލިހުއާއެެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅި ގޮތާއި ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ފާޑު ކިޔައިފިއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނީ ސަރުކާރުން މިނިމަމް ވޭޖް ދޭނެ ގޮތްތައް ކަނޑައެޅީ މިނިމަމް ‏ވޭޖުބޯޑުގެ ނިންމުމަށް އިހުތިރާމުކުރުމެއް ނެތިކަމަށެވެ. އަދި އެކަމުގައި ސިވިލް ސާވިސްގައި މަސައްކަތްކުރާ އެންމެހާ މަސައްކަތްތެރީންނަށް ސަރުކާރުން އޮޅުވާލާފައިވާކަމަށް ބުނެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޓްރޭޑް ޔޫނިއަނުން ބުނެއެވެ.

ޓްރޭޑް ޔޫނިއަނުން ބުނީ ‎‏ނިގުޅައިގަނެވިފައިވާ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރާންޖެހުނު ހުރިހާ މަސައްކަތެއްކޮށް އަޑުއުފުލުމުގައި އެ ޔޫނިއަން ދެމި އޮންނާނެކަމަށެވެ.

ޓްރޭޑް ޔޫނިއަނުން ސަރުކާރަށް ފާޑު ކިޔާފައި މިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖު ދިނުމަށް "މިނިމަމް ވޭޖު އެލަވަންސް"ގެ ނަމުގައި އެލަވަންސެއް ތައާރަފްކުރިކަން އިއްޔެ އިޢުލާން ކުރުމާއި ގުޅިގެނެވެ. "މިނިމަމް ވޭޖް އެލަވެންސް" ތައާރަފްކޮށް މި އެލަވެންސް ދޭން ނިންމާފައިވަނީ ސަރުކާރުން ކުރިންވެސް ބުނެފައިވާ ގޮތަށް އަންނަ ޖަނަވަރީ މަހުގެ މުސާރައާއި އެކުއެެވެ. އަދި އެލަވަންސްގެ ގޮތުގައި ދިނަސް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅި މިންވަރު ޖަނަވަރީން ފެށިގެން މުވައްޒަފުންނަށް ދޭނެކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިނިމަމްވޭޖް ދޭ ގޮތާއިމެދު ޓްރޭޑް ޔުނިއަނުން ފާޑުކީ ނަމަވެސް އެ ޖަމިއްޔާއިން ފާޑުކިޔާ އެކަށީގެންވާ ހަރުދަނާ ސަބަބެއް ހާމަކޮށްދެވިފައެއް ނުވެއެވެ. އަދި ވޭޖް ބޯޑުގެ ނިންމުމަށް ސަރުކާރުން އިހުތިރާމު ނުކުރާކަމަށް އެޖަމިއްޔާއިން ބުނެފައިވާއިރު ސަރުކާރުން އިހުތިރާމު ނުކުރަނީ އެބޯޑުން ނިންމާފައިވާ ކޮން ނިންމުމަކަށް ކަމެއްވެސް ހާމައެއް ނުކުރެއެވެ. މިނިމަމް ވޭޖު ބޯޑުން ވަޒީރަށް އެރުވީ އެބޯޑުގެ ލަފައެކެވެ. އެލަފާއަށް ރިޢާޔްކުރަށްވައި މިނިމަމް ވޭޖާ ބެހޭ ގޮތުން ގާނޫނީ ގޮތުން ނިންމަންޖެހޭ އެންމެ ފަހުގެ ނިންމުން ނިންމަން ޖެހޭ ފަރާތަކީ ވަޒީރެވެ. އެވަޒީރު ވަނީ ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ބޯޑުގެ ނިންމުމަށް ރިޢާތްކޮށް މިނިމްމްވޭޖް ކަނޑައަޅާފައެވެ. އަދި ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖް ސިވިލް ސާވިސް މުވައްޒަފުންނަށް އަންނަ ޖަނަވަރީން ފެށިގެން ދޭނެކަމަށް ސަރުކާރުން ވަނީ ޔަގީންކޮށްދީފައެވެ.

ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ މިނިމަމް ވޭޖް ދޭއިރު އަސާސީ މުސާރައަށް ބަދަލު ނުގެންނަން ނިއްމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިމަމް ވޭޖް ދޭނީ އެކަމަށް ކަނޑައަޅާ ފިކްސްޑް އެލަވަންސަކުން ކަަމަށް އޭނާ ވިދާޅުވިއެވެ. މިނިމަމް ވޭޖާއެކު ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެކަން އެސްޖީ މުހައްމަދު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް 1،500ރ. ގެ މުސާރައިގެ ކުރިއެރުމެއް ލިބޭއިރު 1،000ރ. ގެ އިތުރުވުމެއް 35 ޕަސެންޓް މުވައްޒަފުންނަށް ލިބެ އެެވެ. މީގެ އިތުރުން 500ރ. ގެ އިތުރުވުމެއް 11 ޕަސެންޓް އަދި 500ރ. އަށް ވުރެ ދަށް އަދަދެއް 4 ޕަސެންޓް މުވައްޒަފުންގެ މުސާރައަށް އިތުރުވާނެ ކަން ފާހަގަކޮށްލެވެއެެވެ.

އެހެން ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިނިމަމް ވޭޖް އެލަންވަސްގެ ގޮތުގައި އިތުރުވާނީ އެ މީހެއްގެ އަސާސީ މުސާރައަށް ފިކްސްޑް އެލަވަންސްތަކާ އެކު 7،000ރ. ހަމަނުވާ މީހުންނަށް އެކަންޏެވެ. މިނިމަމް ވޭޖް އެލަވަންސް ލިބެނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ސަރުކާރުން ކުދި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކު 4500ރ. އެެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7000ރ. ދޭގޮތަށް ވަނީ ނިންމާފައެވެ.

މިނިމަމް ވޭޖް ދިނުމަށް ދައުލަތުގެ ބަޖެޓަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައެެވެ.



ކިޔުންތެރިންގެ ހިޔާލު