މަސައްކަތް ފެށިތާ އަހަރުތަކެއް ހޭދަވެފައިވާ ފުލުހުންގެ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަނާއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފަރޫގެވެ. އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އަހުމަދު އިރުފާނެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ. އަދި 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.



މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުއައްޒަފުންނަށް އަމާޒުކޮށް ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރަން ފަށާފައިވާ ޕޮލްކޯ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހިންގާ މިމަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ ފިނިޝިންގގެ މަސައްކަތްތަކެވެ.

ޖުމުލަ 361 ޔުނިޓްގެ 3 ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަފޫޓެވެ. މިޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާރޓްމަންޓްތަކުގެ އިތުރުން، ޕާރކިންގ އޭރިއާ، ކޮމާރޝަލް އޭރިއާ އަދި މަލްޓިޕާރޕޯސް ހޯލް ހިމެނެއެވެ. މިމަޝްރޫޢު ވިލަރެސްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

ފުލުހުންނަށް އަމާޒުކޮށް ހުޅުމާލޭގައި އަޅާ މިފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ވަނަ އަހަރު ރައީސް ވަހީދުގެ ވެރިކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު