ކޯވިޑާއި ގުޅިގެން އައްޑޫ ސިޓީގައި މީގެ 4 ވަރަކަށް މަސްދުވަސް ކުރިން އިއުލާންކުރި މޮނިޓަރިންގެ ހާލަތު އުވާލައި އައްޑޫ ސިޓީ ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް ނުވަތަ ބަންދުކޮށްގެން ތިބެންޖެގޭ ސަބަބެއް މިހާރު ނެތް ކަމަށާއި އެހެންކަމުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުމީދޫއަށް އަރައި ފޭބުން މަނާކޮށްފައި އޮތް މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެސްފައިވާކަމަށެވެ. މީގެއިތުރުން އެ ސިޓީގައި ރޭގަނޑު 9:00 އިން ފެށިގެން ހިންގަމުންދިޔަ ކާފިއުވެސް އުވާލާފައިވާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.



ކޯވިޑްގެ ކޭސްތައް އިތުރުވަމުންދިއުމާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓްމަހުގެ 28 ވަނަ ދުވަހުއެވެ.

އައްޑޫ ސިޓީ އާންމު ހާލަތަކަށް ގެނަސް އަރާފޭބުމަށް ހުޅުވާލާފައިވާއިރު، އާއަހަރު ފާހަގަކުރުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރުމަށް ތައްޔާރުވަމުންދިޔަ މާލެ އަތޮޅު މާފުށި ހިމެނޭހެން 11 ރަށެއް މިހާރު ވެސް އޮތީ ބަންދު ކޮށްފައެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ ހދ އަތޮޅުން ނައިވާދޫ، ނ. އަތޮޅުން ލަންދޫ، ކ އަތޮޅުން ތުލުސްދޫ އާއި މާފުށި, މ. އަތޮޅުން މުލައް، ދ. އަތޮޅުން ކުޑަހުވަދޫ އާއި ހުޅުދެލި، ތ. އަތޮޅުން ވިލުފުށި، ގދ. އަތޮޅުން ވާދޫ، ހޯޑެއްދޫ އާއި ގައްދޫއެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 95،420 އަށް އަރާފައިވާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،205 ގައެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުން ބުރާސްފަތި ދުވަހު 53 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު އެހެނިހެން ސަރަހައްދު ތަކުން އެދުވަހު ޕޮޒިޓިވްވީ 145 މީހުންނެވެ. މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 85 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 13 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 262 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު