ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަށް ހުއްޓުވޭނީ އިޖްރާއަތާއި ޚިލާފަށް މީހުން ހައްޔަރުކުރާ ފުލުހުން ވަޒީފާއިން ވަކިކޮށް ފުލުހުންގެ "ގޭންގު" ހުއްޓުވައިގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވިދާޅުވެއްޖެއެެވެ.

ސަރުކާރު ހިންގާ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަދި ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިޙް ޓާސްފޯހެއް އުފައްދަވާފައިވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެެވެ.

މަޖިލީހުގެ މާލޭގެ މެމްބަރު ކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓެވޭނީ ގާނޫނުތަކާއި ޓާސްފޯސް ހަދައިގެން ނޫން ކަމަށެވެ. އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް އިޖުރާއަތާއި އުންސުރު ދަސްކޮށްދޭންޖެހޭ ކަމަށް އިބްރާ ވިދާޅުވިއެެވެ.



"އިޖުރާއަތުގެ މައްސަލައިގައި މީހަކު ދޫކޮށްލަންޖެހޭ ކޮންމެ ފަހަރަކު ތަހުގީގް ހިންގި ފުލުސް މީހާ ވަޒީފާއިން ވަކިކުރަންވީ، މި ނޫން ގޮތަކަށް ރާއްޖޭގައި ޖިނާއީ އަދުލް ގާއިމެއް ނުކުރެވޭނެ." މިހާރު އަމަލުކުރަމުން ގެންންދާ ޤާނޫނުއަސާސީ އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން ގޭންގު ކުށްތައް ހުއްޓުވަން އެތައް ގާނޫނެއް ހެދިއްޖެ ކަމަށާއި، ފުލުހުންގެ އިދާރާއަށް ގިނަ ވަސީލަތްތައް ވެސް ހޯދައިފައިވާ ކަމަށެވެެ.

ގޭންގުތައް ހުއްޓުވޭނީ ފުލުހުން ގޭންގު ހުއްޓުވިގެން ކަމަށް އޭނާ ވިދާޅުވިއެެވެ. ރާއްޖޭގައި މުޖުރިމުން އަބަދުވެސް ދޫވަނީ ކޮންމެވެސް އިޖުރާއަތުގެ މައްސަލައެއްގައި ކަމަށްވާއިރު އެކަމާ ގުޅިގެން އިހްމާލުވި ފުލުހަކަށް ނުވަތަ ދައުލަތުގެ ވަކީލަކަށް ފިޔަވަޅު އެޅިކަމެއް އެގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވީމާ ބެލެވޭނީ ޕީޖީ އާއި ސީޕީގެ އިހްމާލު ކަމަށް." ފުލުހުންނާއި ޕީޖީ މއަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވިއެވެ.

އިޖްރާއަތް ގޯސްވެގެން މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ކޯޓުމަރުހަލާއިން ދޫވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެންކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް އިޖުރާއަތެއް ގޯސްވެގެން ދައުވާ ކުރެވޭ މީހާ ސަލާމަތްވުމަކީ "އިއްތިފާގެއް" ކަމަށެވެ. ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. އެހެންކަމުން ގަސްތުގައި ފުލުހުން ގޯހެއް ހަދާފައިނުވާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. މަދު ހާލަތްތަކެއްގައި ފުލުހުން ގޯސްކޮށް އަމަލުކުރާ ކަމަށާއި، އެފަދަ ބައެއް މަައްސަލަތަކުގައި ޑުރަގް އެންފޯސްމަންޓްގެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދާދިފަހުން ދައުވާ އުފުލާފައިވާ ގއ. ދާންދޫ / މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްސަލާގައި އޭނާގެ ގެއާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފުލުހުން ބަލައި ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ދީފައިނުވާ ކަމަށްބުނެ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ ކުރިންވެސް ހައްޔަރު އިޖުރާއަތް ގޯސްވެގެން މަސްތުވާތަކެތީގެ ބޮޑުން ކަމަށް ފުލުހުން ތުހުމަތުކުރާ ބައެއް މީހުން ކޯޓުގެ މަރުހަލާއިން ސަލާމަތްވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު