އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލިގެ ދަށުން 789 ސަރަހައްދަކާއި 387 އުޅަނދު ބަލައިފާސްކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހެނދުނު 06:00 އާ ހަމައަށް ފުލުހުންގެ މިއޮޕަރޭޝަނުގެ ދަށުން 99 މީހަކު ބަލައިފާސްކޮށްފައިވާއިރު، ހުއްޓުވައި ސުވާލުކޮށް 504 މީހަކު ވަނީ ފޮނުވާލާފައެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން އިއްޔެ ހަވީރުން ފެށިގެން މިއަދުު ހެނދުނު 06:00 އާހަމައަށް ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށްފައިވާއިރު، 6 އުޅަނދެއްވަނީ ޓޯވކޮށްފައެވެ. އަދި ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވެފައިވެއެވެ.

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް އަމަލުކުރަމުންދޭތޯވެސް ބަލާފައިވެއެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 06:00 އާ ހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު މާސްކު ނާޅައި އުޅުމުގެ ސަބަބުން 2 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުކޮށް، ދަންވަރުގެ ވަގުތުތަކުގައި އެެއްވެސް ބޭނުމެއްނެތި މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމާއި ކްރައިމް ހޮޓްސްޕޮޓްތައް ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރަމުންދާނެއެވެ. އަދި މި އޮޕަރޭޝަނުގައި އާންމުކޮށް މާލެތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އިތުރު ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށް ވެސް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު