"ހޯމް ސްޓޭ" ޓޫރިޒަމް ރާއްޖޭގައި ފެށުމަށް މ. ދިއްގަރަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް އެރަށުން ހޫނު މަރުހަބާ އެއް ކިޔައިފިއެެވެ.

މިއަދު ހަވީރު، މ. އަތޮޅު ދިއްގަރަށް އައި ފަސް ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމާއި ރަށުގެ ރައްޔިތުންނެވެެ. ފަތުރުވެރިންނަށް އެރަށުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެރަށު ބަނދަރަށް ފަތުރުވެރިން ދަތުރުކުރި ލޯންޗް ވަނުމުގެ ކުރިން ދޯނިފަހަރުން އެ ފަތުރުވެރިންނަށް ވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން މި މަރުހަބާ ކިޔުމުގައި ދޯނިތަކުގައި ސަގާފީ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެެވެ. އަދި ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެއެވެ. އަދި ފަތުރުވެރިން ރަށަށް ފޭބުމުން މަރުހަބާ ކިޔުމަށްޓަކައި ސަގާފީ ކުޅިވަރުތަކެއް ވަނީ ބާއްވާފައެވެެ.

ރާއްޖޭގައި ހޯމް ސްޓޭ ފެށުމަށް ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލްގެ ރައީސް މުހަންމަދު ނިޝާން ވިދާޅުވީ އެރަށުގައި ލޯކަލް ޓޫރިޒަމް ފެށުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެެއް ކަމަށެވެ. ދިއްގަރުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ސަގާފަތާއި މަސައްކަތްތެރިކަމާއި ތާރީޚަށް ދޭ ސަމާލުކަން އިތުރުކުރުމުގެ އިތުރުން މިކަންކަން އެފަރާތްތަކަށް ފޯރުކޮށްދިނުމުގެ ނަފާ ހޯދަން ސަމާލުކަން ދޭން އެބަޖެހޭ. މިކަމުގައި ނަމޫނާ ދެއްކުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ވަނީ ލިބިފައި، އަޅުގަނޑު ޔަގީންކަން އަރުވަން ދިއްގަރުން މި ފެށި ފެށުމަކީ ނަމޫނާ ފެށުމަކަށް ވެގެންދާނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެރަށަށް މިއަދު ޒިޔާރަތްކުރި ފަސް ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ އެމެރިކާ ދެމަފިރިންނާއި ސޫދާން ދެމަފިރިންގެ އިތުރުން ހާއްސަ މެހެމާނެކެވެ. ދެ ރޭ ވަންދެން މި ފަތުރުވެރިން އެރަށުގައި މަޑުކުރަން ވަނީ ނިންމާފައެވެ. އެރަށުގައި ހޯމް ސްޓޭ ޓޫރިޒަމް ފަށާއިރު، އެރަށު މޫރިތި ގޭގެ ތިން ކޮޓަރިއެއް ވަނީ ހޯމް ސްޓޭއަށް ތައްޔާރުކޮށްފައެވެ. ފަތުރުވެރިންގެ ޝަރަފުގައި އެރަށުގައި ހާއްސަ ހަރަކާތްތަކެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު