ރާއްޖޭގައި "ހޯމް ސްޓޭ" އަށް ރަޖިސްޓްރީ ކުރާ ތަންތަނުގެ ފެނާ ކަރަންޓްގެ ޚިދުމަތް ގާއިމްކޮށްދީ އެކަމަށް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެއެެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިހެން ވިދާޅުވީ ރާއްޖޭގައި ހޯމް ސްޓޭ ތައާރަފްކުރުމަށް މ. ދިއްގަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ހޯމް ސްޓޭ ތައާރަފްކުރުމުން އެ ޚިދުމަތް ދޭން ބޭނުންވާނަމަ ގޭގޭގައި ހުންނަ ކޮޓަރި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.

ހޯމް ސްޓޭއަށް ރަޖިސްޓްރީ ކުރުމުން ޔުޓިލިޓީ ސާވިސް އެހެން މަރުހަލާ އަކަށް ބަދަލުވެގެންދާނެ ކަމަށާއި، އެގޮތުން ރަޖިސްޓްރީ ކުރުމަށްފަހު އެކޮޓަރިއެއްގެ ނުވަތަ ގެއެއްގެ ކަރަންޓާ ފެން ކޮމާޝަލް ރޭޓަށް ބަދަލުކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ފެނަކަ މެދުވެރިކޮށް އެތަނަށް ކަރަންޓާއި ފެން ލުމުގެ ހުރިހާ ވަސީލަތެއް އަޅުގަނޑުމެން ގާއިމްކޮށްދީ ހިނގާ ޚަރަދު، ބެލުމަށްފަހު ތިން މަހާއި ހަ މަހާއި އެއް އަހަރާއި ދެމެދަށް އަޅުގަނޑުމެން ބަހާލަދޭނަން. އެއީ އަޅުގަނޑުމެންނަށް އެކަމުގައި ކޮށްދެވޭނެ ވަރަށް ބޮޑުކަމެއް. ރައްޔިތުންނަށް އެކަމުގެ ހަގީގީ މަންފާ ލިބިގެންދާނެ އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވަނީ ހޯމް ސްޓޭއާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް ރައްދެއް ވެސް ދެއްވާފައެވެ. ސައީދު ވަނީ އެ ފަރާތްތަކުގެ ވާހަަކަ އަޑުނޭހުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ސައީދު ވިދާޅުވީ، މިއީ ރައްޔިތުންގެ ޖީބުތައް ތަނަވަސް ކުރުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުން އާ މަރުހަލާ އަކަށް ގެންދިއުމަށް ލިބުނު ރަނުގެ ފުރުސަތެއްް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ފުރުސަތެއް ލިބުނީމައެއް ނުކެރޭ މިކަހަލަ ކަމެއް ރައްޔިތުންނަށް މަންފާ ހުރިގޮތަކަށް ކުރާކަން ނުކެރޭ. ހަމަ އެއް ލޮލުން ބަަލައިގެން އެއް ކަންފަތް ދީގެން ރައްޔިތުންނަށް ފުރަައްސާރަ ކުރުން ނޫން ކަމެއް ނުކުރޭ. ރައްޔިތުން އަޑު ނާއްސަވާ އެ ވާހަކަ، ހެއު ގޮތުގައި މި ސިނާއަތް ބޭނުންކުރުމަށް ތިބޭފުޅުން ވިސްނައިގެން މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން." ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު