ބީލަމުގެ އުސޫލުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، ހަމައެކަނި މާލޭ ރައްޔިތުންނަށް ގޯތި ވިއްކާ ގޮތަށް އެޗްޑީސީން ނިންމައިފިއެެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި ގޯތި ވިއްކާނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތް ތަކަށް އިސްކަންދޭ އުސޫލުން ކަމަށް އެޗްޑީސީ އިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.



މިހާރު އެޗްޑީސީން ވަނީ އެ އުސޫލު ބަދަލުކޮށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ގޯތި ވިއްކާނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ކަމަށް ނިންމައި އުސޫލު ބަދަލުކޮށްފައެވެ. މި ބަދަލު ގެނައުމުން ގޯތި ގަންނަ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަތަކަށް ނަންބަރެއް ވަނީ އިތުރު ކޮށްފައެެވެ. އެ އިއުލާނަށް ގެނެސްފައިވާ އިސްލާހުގައި ބުނާގޮތުން ގޯތި ގަންނަ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ މާލޭ ރައްވެއްސަކަށް ވާންޖެހެއެވެ.

މީޑިޔާ އަށް މައުލޫމާތު ދެމުން އެޗްޑީސީ އިން ބުނީ އިއުލާނަށް ބައެއް ބަދަލުތައް ގެނެސްފައިވަނީ އާއްމުންގެ ފަރާތުން ލިބޭ ކޮމެންޓްތަކަށް ބެލުމަށްފަހު ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހިޔާލުތަކާއި އެއްގޮތަށް ބަދަލުކުރަންޖެހޭ ކަންކަން ބަދަލުކުރަމުންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަފިޔަވަހިން ބީޗް ފްރަންޓްގެ 26 ގޯއްޗާއި، ބީޗް ސައިޑުން 34 ގޯތި ވިއްކަން ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާއި ދެމެދުގެ 60 ގޯއްޗެވެ. ބީޗް ފްރަންޓް ބިން ވިއްކާ ގޮތަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 3،900 (ތިންހާސް ނުވަސަތޭކަ ރުފިޔާ) ގެ ރޭޓުންނެވެ.

އާމްދަނީ މަދުން ލިބޭ ފަރާތްތަކަށް ބިން ނުގަނެވޭ ގޮތަށް ހުޅުމާލެއިން ބިން ވިއްކަން ހުޅުވާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިހާރު ގޯތި ވިއްކާ އުސޫލު ބަދަލު ކުރުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މިހާރު ވިއްކާ އުސޫލުން ގޯތި ވިއްކުމާމެދު ދެކޮޅު ހައްދަވައިފައެވެ. އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެއިން މިފަހަރު ގޯތި ވިއްކަނީ އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުގެ އަގުތައް ހެޔޮކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަން ފައިސާ ހޯދުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު