އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާއެއްގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އެ ދެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހު 1:00 ގައެވެ. ރ. ފުއްގިރިއާއި ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމިންގެ މައްޗަށް ވަނީ އުފުލާފައެވެ. މާދަމާ ޝަރީއަތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ ޔާމިން މައްޗަށް އުފުލާފައިވާ އެ ދެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެވެެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަައިގައެވެ.

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ނޮވެންބަރު 28 ،2019 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާކޮށް އެފައިދާ ދައްކަން ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސްޕްރީމް ކޯޓުން ވަނީ ރައީސް ޔާމީން މިނިވަންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު