ހޯމްސްޓޭ ވިޔަފާރީގެ ސަބަބުން ގެސްޓްހައުސްތަކަށް ލިބޭނެ ގެއްލުމެއް ނެތްކަމަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނިީ ރާއްޖޭގައި އިއްޔެ ފެށި ހޯމްސްޓޭ ޓުއަރިޒަމާއެކު ގެސްޓްހައުސްތަކަށް އެކަމުގެ ސަބަބުން ގެއްލުންވާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް، ޢަބްދުﷲ ނަޝީދު ވިދާޅުވީ ހޯމް ސްޓޭގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވާނެ އެއްވެސް ހުރަހެއް ނޯންނާނެކަމަށާއި ވާނީ ފައިދާކަމަށެވެ. އަދި މީގެކުރިން ގެސްޓްހައުސް ސިނާއަތް ފެށިގެން އައިއިރު ގެސްޓްހައުސްތަކުގެ ސަބަބުން ރިސޯޓްތަކަށް ގެއްލުން ލިބޭނެކަމަށް މީހުން ބުނިނަމަވެސް، ހަޤީޤަތުގައި ގެސްޓްހައުސްތަކުގެ ސަބަބުން ރިސޯޓްތަކަށް ލިބުނީ ފައިދާކަމަށް ނަޝީދު ވިދާޅުވިއެވެ.

"ގެސްޓްހައުސްގެ ސަބަބުން އޮކިއުޕަންސީ ވެއްޓުނު އެންމެ ރިސޯޓެއްވެސް ނެތް. ޑޭޔޫސްއަށް ބޮޑުއަގުދީގެން އަޅުގަނޑުމެންނަށް އަންނަ ފަތުރުވެރިން އެރަށްރަށަށް ގެންދިޔައީމައި އެތަންތަނުގެ ރެވެނިއު ދިޔައީ މަތިވެގެން." އަބްދުﷲ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހޯމް ސްޓޭ އަދި ގެސްޓްހައުހެއް ހެދިޔަސް އެތަނަކަށް ފަތުރުވެރިން އަންނާނީ އެތަން ރަނގަޅަށް މާކެޓްކުރެވިގެންކަމަށާއި މިޒަމާނުގައި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މާކެޓްކުރުމަކީ ވަރަށް ފަސޭހަކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މުޅިން އައު ކޮންސެޕްޓެއްކަމަށްވާ "ހޯމް ސްޓޭ" މިހާރު މިވަނީ ތަޢާރަފްކޮށްފައެވެ. ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއް ގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ އެއް މޮޑެލެވެ. ރާއްޖޭގައި ހޯމްސްޓޭ ފުރަތަމަ ތައާރަފްކޮށްފައިވަނީ މ. ދިއްގަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު