ސަރުކާރުން އެންމެފަހުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި 20 ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާ އެޗްއެސްބީސީން ހަމަޖައްސާދީފައިވާކަމަށެވެ. އަދި މިފައިސާ ބޭނުންކުރާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އެންމެފަހުން ސަރުކާރުން ހަވާލުކުރި 20 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ކަމަށް ފެންކުންފުނިން ބުނެފައި ވެއެވެ.

އެޗްއެސްބީސީން ބުނީ އެމްޑަބްލިޔުއެސްސީއާ ގުޅިގެން މިމަސައްކަތަށް އެއްބާރުލުންދިނުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި އެޗްއެސްބީސީން ދަނީ ސަރުކާރުގެ އެކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އަދި އެގޮތުން ދާދިފަހުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެމަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު