އަހުމަދު މަސްނޫމް   2 ޖެނުއަރީ 2022 - 17:27
އެއަރޕޯޓް ސަރވިސް ޗާޖު އުވާލައި ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަން ފަށައިފިއެވެ.

މި ޓެކްސް ނަގަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުއެވެ. މިބިލުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖު އުވާލައި ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާނީ ޑިޕާޗަރ ޓެކުހެވެ.

ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީ ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ދެން ޓެކްސް ނަގާނީ އެމީހަކު ދަތުރުކުރާ އެއަރލައިންތަކުގެ ކްލާހަށް ބެލުމަށްފަހުއެވެ.

ގާނޫނަށް ގެނައި ބަދަލާއެކު ފީ ބޮޑު ވާނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ އާއި ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ މީހުންގެ އަތުންނަގާ ފީއެވެ.

ޑިޕާރޗަރ ޓެކްސް ނަގަން ފެށިނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ފީ ނަގާނީ ކުރިންވެސް ނަގަމުން އައި އުސޫލުން 12 ޑޮލަރެވެ.

ޑިޕާޗަރ ޓެކްސް ނަގާ އުސޫލަށް ބަލާއިރު އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު، މީގެއިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެއެވެ.

އާ އުސޫލުގެ ދަށުން ޑިޕްލޮމެޓިކް މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން ޑިޕާރޗަރ ޓެކުހެއް ނުނަގާނެއެވެ.

ޑިޕާޗަރ ޓެކުހުގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމަންޓު ފީވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު