ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވިދާޅުވީ މައްސަލައާ ގުޅޭ ލިޔުންތަކެއް ލިބިފައި ވިޔަސް، އެ ލިޔުންތައް ބަލައިލުލުމުގެ ފުރުސަތު ލިބިފައިނުވާކަމަށެވެ. އަދި ޔޫސުފް ނައީމް ބުނީ ވަކީލަކު ހަމަޖައްސަން ބޭނުންވާތީ އެކަމަށް ތިން ހަފުތާގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.

އިސް ގާޒީ ޝަކީލް ވަނީ ވަކީލަކު ހަމަޖައްސަން ޔޫސުފް ނައީމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. އަދި ދައުވާލިބޭ ފަރާތްތަކަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގުތަކަކީ ކޮބައިކަން ވެސް އިސް ގާޒީ ސާފުކޮށް ދެއްވިއެވެ. އަދި ޝަރީއަތް ކުރިއަށްގެންދާނެ ތާވަލެއް އެކުލަވާލިއެވެ.

ރައީސް ޔާމިނަށް މަނީލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު