ރައްޔިތުން މިސަރުކާރަށް ވެރިކަން ދިނީ ކަންކަން ނުކޮށް ބަހަނާ ދައްކަން ނޫން ކަމަށް ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަފުޅު ދައްކަަވަމުން ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، ރައްޔިތުން ސަރުކާރަށް ވެރިކަން ހަވާލުކުރީ ކުރީގެ ސަރުކާރޭ ކިޔައިގެން ބަހަނާ ދައްކައި ފިލައި ތިބި ވާހަަކަ ދައްކަން ނޫން ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ނުކުރެވި ހުރި ކަންކަން ބުނަންވެސް މި ސަރުކާރަށް ތިން އަހަރު ނެގި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ކަންކަން ނުކެރެވިގެން އެއަށް ވުރެ މޮޅަށް ކަންކަން ކޮށްދޭނަމޭ ކިޔާފައި ފަތިހަކަށް އަލިވިލޭ ވާހަކަ ދައްކައިގެން މި އަންނަނީ ވެރިކަމަށް. އެހެންވީމަ ވެރިކަމަށް އައިސް ކުރީގެ ސަރުކާރުގައި ކަން ނުކުރެވޭ ވާހަކަ މި ދައްކަނީ. ކަންކަން ނުކޮށް ބަހަނާ ދައްކާފައި ބަހަނާގެ ފުރަގަހުގައި ފިލައި ތިބެ މި ވާހަކަ މި ދައްކަނީ." ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ މިސަރުކާރުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓްގައި ހަަމައެކަނި ސާޕްލަސް އަދަދެެއް ދައްކާލުން ކަމަށެވެ. އެހެން ނަމަވެސް ބަޖެޓް ސާޕްލަސް ހިފަހައްޓަންޖެހޭނީ ރައްޔިތުންނަަށް ބޭނުންވާ ޚިދުމަތްތަކާއި އެއާޕޯޓް އެޅުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްފަހު ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ. ރަައްޔިތުންނަށް ބޭނުންވާ ބޮޑެތި ޚިދުމަތްތައް ދިނުމަށްޓަަކައި ބަޖެޓް ޑެފެސިޓް އެއްއަހަރުން އަނެއް އަހަރަށް ކުޑަކޮށް ބަޖެޓް ކޮންސަލްޓެންޓް ކުރެވޭތަން ފެންނަންޖެހޭ ކަމަށާއި ބަޖެޓް ސާޕްލަސަކީ އެއީ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ސަރުކާރުން ބަޖެޓް ސާޕްލަސް ހިފަހައްޓައިގެން އުޅެފައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާކަށް ބޭނުމެއް ނުވޭ. މަޑިވަރުގައި އެއާޕޯޓެއް އަޅާކަން ބޭނުމެއް ނޫން. ޅ. އަތޮޅުން ފުރައިގެން މާލެ އަންނަން އަދިވެސް ހަމަ ދެގަޑިއިރާ ތިން ގަޑިއިރު އެބަނަގަންޖެހޭ. ފެރީ ނިޒާމްގެ އިންވެސްޓް ކުރާކަށް ބޭނުމެއް ނުވޭ. ބުރިޖެއް އަޅާކަށް ބޭނުމެއް ނުވޭ. އެކަމަކު ބަޖެޓް ސާޕްލަސް އެބަ ދައްކާ." ރާއްޖޭގައި މިހާތަނަށް އާ ގާނޫނު އަސީގެ ދަށުން ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސް ޔާމިން ވިދާޅުވިއެވެ.

މިހަރުގެ ސަރުކާރަށް ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވެ ރައީސް ޔާމިން ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް އެންމެ ބޮޑަށް ވިއްކި އެއް ވާހަކައަކީ ރައީސް ޔާމީންގެ ވެރިިކަމުގައި ހިންގާފައިވާ ވައްކަމުގެ ވާހަކަތަކާއި އަނިޔާވެރިކަމާއި ބޭއިންސާފުގެ ވާހަކައެވެ. އަދި މި ސަރުކާރު އައިސް އެންމެ ފުރަތަމަ ވެސް އެޅި އެއް ފިޔަވަޅަކީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލަތައް ތަހުގީގުކޮށް ޝަރީޢަތް ކުރުމެވެ. އެގޮތުން އެފަދަ އެއް ތުހުމަތު ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާފައި ވަނިކޮށް ސްޕްރީމް ކޯޓުން ވަނީ އެހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަން ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު