އައްޑޫ ސިޓީ ހިތަދޫ ގޭދޮށު މަސް ޕްލާންޓް ހަދަން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާއި އެ މަޝްރޫއު ހަވާލުކޮށްފިއެވެ.

ހިތަދޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ އެލްނާތު މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 6 މިލިއަން ރުފިޔާއަށް އެކުންފުންޏާއި އޭރު އެމަސައްކަތް ހަވާލުކުރީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައި އޮތުމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މި މަސައްކަތް އަލުން ހަވާލުކޮށްފައި ވަނީ ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މަސަައްކަތް ހަވާލުކުރީ 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 14.4 މިލިއަން ރުފިޔާއަށެވެ.



މިމަޝްރޫއަށް އިންޑިއާއިން 5.8 މިލިއަން ރުފިޔާ ދޭއިރު، ސީބޮޓްސް ކުންފުނިން މިމަޝްރޫޢަށް 8.7 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެއެވެ.

އައްޑޫ ސިޓީގައި ގޭ ދޮށު 3 މަސް ޕްލާންޓް ހެދުމަށް ވަނީ ނިންމާފައެވެ. އައްޑޫގައި ހަދާ ގޭ ދޮށު މަސްޕްލާންޓްތައް ޤާއިމުކުރާނީ ހިތަދޫގެ އިތުރުން މަރަދޫއާއި ހުޅުމީދޫގައެވެ.

އައްޑޫގައި ޤާޢިމު ކުރާ ގޭދޮށު މަސް ޕްލާންޓްތަކުގައި 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓުތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު