5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މާސްޓަރ ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ހަދާ ޕްލޭނެކެވެ.



ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ލަސްވެގެން ދިޔައީ ކޯވިޑާއި ގުޅިގެންކަމަށެވެ. ނަމަވެސް އަލުން އެމަސައްކަތް ފެށިގެން ކުރިއަށްދާއިރު އަމާޒަކީ ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، މިދިޔަ އަހަރުގެ މެދުތެރޭގައި މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަމުށް އިއުލާންކޮށް މިހާރު އެކަމަށް ބޭނުންވާ ބަޔަކު ހޯދާފައިވާކަމަށެވެ. އަދި އެކަމަށް އޭޑީބީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށްވެސް ރައްޒާން ވިދާޅުވިއެވެ. މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ވަނީ ނަގާފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިފަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޮވިޑުން އަރައިގަތުމަށްކަމަށެވެ.

ޓޫރިޒަމް މާސްޓަރ ޕްލޭންއަކީ ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއްގެ ފަސް އަހަރުގެ ތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނާނެ ސިޔާސަތުތަކާއި ބަދަލުތަކާއި މިދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ގެންނާނެ ހަރުދަނާ ބަދަލުތަކުގެ މައްޗަށް އެކުލަވާލާ ތަސައްވުރެކެވެ. އެންމެ ފަހުން ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކުލަވާލީ 2013 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު